ޚަބަރު

ރިޟްވާން ގެއްލުވާލި މައްސަލައިގެ ޝަރީޢަތްތައް ފަށައިފި


ނޫސްވެރިޔާ އަޙްމަދު ރިޟްވާން ގެއްލުވާލި މައްސަލައިގެ ޝަރީޢަތްތައް ކްރިމިނަލް ކޯޓުގައި ފަށައިފިއެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ގެއްލުވާލި މައްސަލައިގެ ދައުލަތުން ވަނީ 3 މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާކޮށްފައެވެ. މި ތިން މީހުންނަކީ ރިޟްވާން ގެއްލުނުރޭ އޭނާއަށް ފާރަލި ތިން މީހުންކަމަށް ފުލުހުން ކުރިން ވަނީ ހާމަކޮށްފައެވެ.

ރިޟްވާން ގެއްލުވާލި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާކޮށްފައިވަނީ ސ.ހުޅުދޫ، އަތިރިއާގޭ މުޙައްމަދު ސުޢައިދާއި، ހ.ހިލްޓަން އަޙްމަދު އާލިފް ރަޢޫފާއި، ގދ. ވާދޫ ކަރަންކާގޭ މުޙައްމަދު ނޫރައްދީންގެ މައްޗަށެވެ. މީގެތެރެއިން އަޙްމަދު އާލިފް ރަޢޫފާއި، މުޙައްމަދު ނޫރައްދީން ވަނީ މިއަދުގެ ޝަރީޢަތަށް ޙާޟިރުވެފައެވެ. އެހެން ނަމަވެސް ޝަރީޢަތަށް ޙާޟިރުވުމުގެ ޗިޓް މުޙައްމަދު ސުޢައިދާ ޙަވާލުކުރުމަށް ކުރި މަސައްކަތުން، އޭނާ މަރުވެފައިވާކަމަށް ޢާއިލާއިން ބުނެފައިވާކަމަށް ޤާޟީ ވިދާޅުވިއެވެ. އެހެން ނަމަވެސް ޕްރޮސިކިއުޓަރ ޖެނެރަލްއަށް އެފަދަ މައުލޫމާތެއް ފުލުހުން ދީފައި ނުވާކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

މިމައްސަލައިގައި މިއަދު ކުރިއަށްގެންގޮސްފައިވަނީ އިބްތިދާއީ އަޑުއެހުމެކެވެ.