ޚަބަރު

ޤާސިމް، ހިތުގެ އޮޕަރޭޝަނެއް ކުރަނީ


ޤާސިމް އިބްރާހީމްގެ ހިތުގެ އޮޕަރޭޝަނެއް މިއަދު ކުރުމަށް ހަމަޖެހިފައިވާކަމަށް އޭނާގެ ޢާއިލާއިން ހާމަކޮށްފިއެވެ. 

ރިޝްވަތުދޭން ހުށައެޅުމުގެ ކުށުގައި ޖަލުޙުކުމެއް ތަންފީޛް ކުރައްވަމުން ގެންދަވާ ޖުމްހޫރީ ޕާޓީގެ ކުރީގެ ލީޑަރ ޤާސިމް އިބްރާހީމް ގެންދަވަނީ ކަރެކްޝަނަލް ސަރވިސްގެ ހުއްދައާއެކު ސިންގަޕޫރުގައި ސިއްޙީ ފަރުވާ ހޯއްދަވަމުންނެވެ. އެގޮތުން އެމަނިކުފާނުގެ ހިތުގެ އޮޕަރޭޝަނެއް މިއަދު ކުރުމަށް ހަމަޖެހިފައިވާކަމަށް އެމަނިކުފާނުގެ ޢާއިލާއާ ޙަވާލާދީ ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ޞާލިޙް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޤާސިމްގެ އޮޕަރޭޝަނަށް 2 ގަޑިއިރާ 4 ގަޑިއިރާ ދެމެދު ހޭދަވާނެކަމަށެވެ. 

ޤާސިމް އިބްރާހީމްގެ ބޭސްފަރުވާއަށް ކަރެކްޝަނަލް ސަރވިސްއިން ފުރަތަމަ ދެއްވާފައިވަނީ 10 ދުވަހުގެ މުއްދަތެކެވެ. އެހެންނަމަވެސް އެމުއްދަތު އިތުރުކޮށްދެއްވާފައިވާކަމަށް ޤާސިމްގެ ޢާއިލާއިން ވަނީ ބުނެފައެވެ. ރިޝްވަތުދޭ ހުށައެޅުމުގެ ކުށުގައި ޤާސިމްގެ އިބްރާހީމްގެ މައްޗަށް ވަނީ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައެވެ. އެހެންނަމަވެސް ޖަލުގައި ޙުކުމް ތަންފީޛުކުރުމަށް ޤާސިމް އިބްރާހީމްގެ ބަލިޙާލަތު ތަން ނުދޭތީ، ޖަލަށް ބަދަލުކުރެވޭވަރަށް ޙާލަތު ރަނގަޅުވަންދެން ޤާސިމް ގޭބަންދުގައި ބަހައްޓައިގެން ޙުކުމް ތަންފީޛް ކުރެއްވުމަށް ކަރެކްޝަނަލް ސަރވިސްއިން ވަނީ ނިންމާފައެވެ.