ކުޅިވަރު

އިންޑޯ އެންޑް މާޝަލް އާާރޓްސް ގޭމްސްގެ އިންތިޒާމްތައް ރަނގަޅު


ފަސްވަނަ އޭޝިޔަން އިންޑޯ އެންޑް މާޝަލް އާާރޓްސް ގޭމްސްގެ އިންތިޒާމްތަކާމެދު ހިތްހަމަޖެހޭކަމަށް ދިވެހި ރާއްޖޭގެ ކޮންޓިންޖެންޓްގެ ޗެފްޑިމިޝަން އިސްމާޢީލް ސުޖާޢު ވިދާޅުވެއްޖެއެވެ. 

ތުރުކުމަނިސްތާންގައި ހުރެ ޕީއެސްއެމް ސްޕޯޓްސްއާ ވާހަކަދައްކަމުން ސުޖާޢު ވިދާޅުވީ އެންމެ ފުރަތަމަ ދިވެހި ކޮންޓިންޖެންޓް ތުރުކަމަނިސްތާނަށް އައުމުންވެސް ގޭމްސް އިންތިޒާމް ކުރާ ފަރާތުން ވަރަށް ހޫނު މަރުހަބާއެއް ކިޔާފައިވާކަމަށާއި އެހެން ގޭމްސްތަކަށް ވުރެ އަޒްބަކަތްގައި މިހާރު ކުރިއަށް މިދާ ގޭމްސްގެ އިންތިޒާމްގެ ކަންތައްތައް ވަރަށް ފުރިހަމަ އޭ ބުނެވިދާނެކަމަށެވެ. ގޭމްސް އިންތިޒާމް ކުރާ ފަރާތުން ދޭ އިރުޝާދުތަކާއި އެއްގޮތަށް ކަންތައްތައް ކުރިއަށް ގެންދާއިރު، އެއްވެސް މައްސަލައެއް މިހާތަނަށް ދިމާވެފައި ނުވާކަމަށްވެސް ދިވެހި ރާއްޖޭގެ ކޮންޓިންޖެންޓްގެ ޗެފްޑިމިޝަން އިސްމާޢީލް ސުޖާޢު ވިދާޅުވިއެވެ.

"އެކި ކުޅިވަރުތައް މިހުންނަނީ އެކިއެކި ތަންތަނުގަ. އެހެންކަމުން އެތަންތަނަށް ދިއުމަށް ވަރަށް ފަރުވާތެރިވާންޖެހޭ. ގަޑިއަށް ދިއުމަކީ ވަރަށް މުހިންމުކަމެއް. ކުޅިވަރު އެރީނާތަކަށް ދިއުމަށް މާއުނދަގުލެއްވެސް ނޫން، ޓްރާންސްޕޯރޓް ހަމަޖެހިފައިވަނީވެސް ވަރަށް ފުރިހަމަކޮށް. ދިވެހި ކޮންޓިންޖެންޓާ ހަވާލުވެގެން ހުންނަ ވޮލެންޓިއަރުން އެކަން ވަރަށް ފުރިހަމައަށް ކޮށްދޭ. ބަރާބަރު ގަޑިއަށް ވެނޫތަކަށް ގެންގޮސްދޭ." ސުޖާ ވިދާޅުވިއެވެ.

ރާއްޖެއިން މިފަހަރު ވާދަކުރަނީ ފަސް ކުޅިވަރެއްގައެވެ. އެއީ އެތްލެޓިކްސް، ފުޓްސެލް، ބިލިއާޑް، ޗެސް އަދި ސްވިމިމިންގއެވެ. ސުޖާއު ވިދާޅުވީ އިންޑޯ ގޭމްސްއެއް ވީމަ އެހެން ގޭމްސްތަކާއި ވަރަށް ތަފާތު ކަމަށާއި ރާއްޖެއިން ބައިވެރިވި ބައެއް ކުޅިވަރުތަކަށް އެކަމުގެ ސަބަބުން ދަތިތަކާއި ދިމާވިކަމަށެވެ.