ވިޔަފާރި

"އުރީދޫ ނެކްސްޓް" އުރީދޫގެ ޚިދުމަތް ހޯދުމަށް މާ ފަސޭހަ ގޮތެއް


ފޭސްބުކް މެސެންޖަރ ބޭނުންކޮށްގެން އުރީދޫއާއި ބެހޭ ތަފާތު މަޢުލޫމާތާއި، ޚިދުމަތް ހޯދޭނެ ޑިޖިޓަލް އެންގޭޖްމަންޓް ޕްލެޓްފޯމެއް އުރީދޫން ތަޢާރަފްކޮށްފިއެވެ.

"އުރީދޫ ނެކްސްޓް" ގެ ނަމުގައި ތަޢާރަފްކުރި މި ޚިދުމަތާގުޅޭ މަޢުލޫމާތުދެމުން އުރީދޫގެ ހެޑް އޮފް ކަސްޓަމަރ ކެއަރ، ގުލްނާޒް މާހިރު ވިދާޅުވީ، މި ޕްލެޓްފޯމް މެދުވެރިކޮށް ރާއްޖޭގައި މޯބައިލްގެ ފޯނު ބޭނުންކުރާ ކޮންމެ މީހަކަށްވެސް އުރީދޫއާއި މުޚާތަބުކޮށް، އުރީދޫގެ ޚިދުމަތްތަކާއި ފަހުގެ ޕްރޮމޯޝަންތަކުގެ މަޢުލޫމާތު ފަސޭހަކަމާއެކު ހޯދޭނެކަމަށެވެ. ހަމައެއާއެކު އުރީދޫ ކަސްޓަމަރުން ބޭނުންކުރާ ޚިދުމަތްތައް މެނޭޖްކުރުމުގައިވެސް މިއީ ވަރަށްބޮޑު ފަސޭހައެއް ލިބިގެންދާނެ ޕްލެޓްފޯމެއްކަމަށް ގުލްނާޒް ވިދާޅުވިއެވެ.

އުރީދޫގެ ނެކްސްޓް މެދުވެރިކޮށް ޚިދުމަތް ހޯދުމަށް، ކަސްޓަމަރުން ބޭނުންކުރަންޖެހޭނީ މިހާރުވެސް ބޭނުންކުރަމުންއަންނަ ފޭސްބުކް މެސެންޖަރއެވެ. އިތުރު އެހެން އެޕްލިކޭޝަނެއް ޑައުންލޯޑް ކުރާކަށް ނުޖެހޭނެއެވެ. އުރީދޫން މި ޚިދުމަތް ތައާރަފްކޮށްފައިވަނީ ސިލިކަން ވެލީގެ ޓެކްނޮލޮޖީ ކުންފުނި ފާސްޓްފޯވާޑް.އޭއައި އާއި ގުޅިގެންނެވެ.

އުރީދޫންވަނީ މީގެކުރިންވެސް ފޭސްބުކާއި ގުޅިގެން ފްރީ ބޭސިކްސްގެ ނަމުގައި ކަސްޓަމަރުންނަށް ހިލޭ މެސެންޖަރ ބޭނުންކުރެވޭ ޚިދުމަތެއް ތަޢާރަފްކޮށްފައެވެ.