ކުޅިވަރު

ޒުވާން ޓީމް ބޫޓާން އަތުން ބަލި


18 އަހަރުންދަށުގެ ސާފް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ. މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބޫޓާން އަތުން އިއްޔެ ރާއްޖެ ބަލިވީ 0-1 ނެވެ. 

ޞަރަހައްދުގައި އެންމެ ބަލި ބޫޓާނަށް 52 ވަނަ މިނިޓްގައި ލަނޑު ޖަހައިދިނީ އޮރްގިޔެން ވަންގްޗުކްއެވެ. މެޗަށްފަހު ކޯޗު އިހުސާން އަބުދުލްޣަނީ ބުނީ މޫސުމާއި މުބާރާތުގެ ފޯމެޓް ބަދަލުވުމުން ރާއްޖެއަށް އުނދަގޫވިކަމަށެވެ.

ކޯޗު އިހުސާން އަބުދުލްގަނީ ބުނީ ބޫޓާންގެ މޫސުމަށް ހޭނިލުމަށް ރާއްޖެ ހަތަރު ދުވަސް ކުރިން ބޫޓާނަށް ދިޔަ ނަމަވެސް ފިނީގެ ސަބަބުން ކުޅުންތެރިންނަށް ވަރަށް ބޮޑަށް އުނދަގޫވި ކަމަށެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗު އިތުރަށް ބުނީ މުބާރާތް ލީގު އުސޫލުން ކުޅެން ނިންމުމަކީ ރާއްޖެ އަށް ފައިދާހުރި ކަމެއްނޫން ކަމަށާއި، ދެ ގްރޫޕަކަށް ބަހާލުމަށްފަހު މުބާރާތުގެ ފަހުބައި ނޮކްއައުޓް އުސޫލުން ކުޅުމަކީ ރާއްޖެ އަށް މާ ރަނގަޅު ގޮތަކަށްވާނެ ކަމަށެވެ.

ސާފް ޗެމްޕިއަންޝިޕުގައި މީގެ ކުރިން ބޫޓާން އަތުން ރާއްޖެ ބަލިވެފައިނުވާއިރު މުބާރާތް ބާއްވާ ބޫޓާނުގެ ކޯޗު ސޮން ޖުން ލީ ބުނީ ރާއްޖެ އަކީ މި މުބާރާތުގައި ބޫޓާނާ އެންމެ ވާދަވެރި ޓީމު ކަމަށާއި، ގަދަ ތިން ޓީމުގެ ތެރޭގައި ހިމެނުމަށް މިއީ ވަރަށް މުހިންމު މޮޅެއް ކަމަށެވެ.

 މި މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ ނެޕާލް، އިންޑިއާ، ބަނގްލަދޭޝް އަދި ބޫޓާނެވެ. މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކުޅެ ތާވަލުގެ އެއްވަނަ ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭ ގޮތަށެވެ. މުބާރާތުގައި އަންނަ ބުދަ ދުވަހު ރާއްޖެ ދެން ބައްދަލުކުރާނީ ބަންގްލަދޭޝްއާއެވެ..