ކުޅިވަރު

ރާއްޖޭގައި ބާއްވާ އެންމެބޮޑު ކުޅިވަރު ފެސްޓިވަލް އިފްތިތާހުކޮށްފި


ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެބޮޑު ކުޅިވަރު ފެސްޓިވަލް، "ވައި 18 ސްޕޯޓްސް ފިއެސްޓާ" ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިފްތިތާހުކޮށްދެއްވައިފިއެވެ. 

"ވައި 18 ސްޕޯޓްސް ފިއެސްޓާ" ރައީސުލްޖުމްހޫރިއްޔާ އިފްތިތާހުކޮށްދެއްވީ، އާޓް ގެލަރީގައި ކުރިއަށްދާ ޚާއްސަ ރަސްމިއްޔާތެއްގައެވެ. "ވައި 18 ސްޕޯޓްސް ފިއެސްޓާ" އަކީ ރާއްޖޭގެ ކޮންމެ ރަށަކުން ޓީމެއް ވާދަކުރާގޮތަށް، މުޅި ރާއްޖޭގައި ކުރިއަށްގެންދާ ކުޅިވަރު ފެސްޓިވަލެކެވެ. 

މިފިއެސްޓާގައި ހިމެނެނީ ޒުވާނުންގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ "ފުޓްސަލް" މުބާރާތަކާއި އަންހެން ބޭފުޅުންނަށް ޚާއްސަ ވޮލީ މުބާރާތެކެވެ. މިއީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ކުޅިވަރު މުބާރާތެވެ. 

img:http://s2.psmnews.mv/images/660x400/15057527605500.jpg|ވައި 18 ސްޕޯޓްސް ފިއެސްޓާއަކީ ރާއްޖޭގެ ހުރިހާ ރަށަކުން ޓީމްތައް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދާ ކުޅިވަރު ފެސްޓިވަލެއް

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވީ، މިފަދަ ފެސްޓިވަލެއް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ޒުވާނުން ބާކީކޮށްފައި ތިބުމުގެ ބަދަލުގައި ޒުވާނުން ބާރުވެރިކުރުވާ، ޒުވާނުންގެ ހުނަރުތައް ދައްކާލުމުގެ ފުރުޞަތުތައް ފަހިކޮށްދިނުންކަމަށެވެ. އަދި މިފެސްޓިވަލް ފެށިގެންދާއިރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޒުވާނުންނަށް ކުޅިވަރު ކުޅުމަށް އެކި ވަޞީލަތްތައް ތަރައްޤީކުރަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. 

img:http://s3.psmnews.mv/images/660x400/15057542754016.jpg|ސްޕޯޓްސް ފިއެސްޓާ އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް

ވައި 18 ސްޕޯޓްސް ފިއެސްޓާ އިންތިޒާމްކުރާ ކޮމިޓީގެ ޗެއަރމަން، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ މިފިއެސްޓާގެ ބޭނުމަކީ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، ޒުވާނުންގެ ހުނަރު ދައްކާލުމުގެ ފުރުޞަތު ދެއްވުންކަމަށެވެ. 

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް އަބްދުރަހީމް އަބްދުﷲ ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ހަމައެކަނި ޒިންމާއަކީ ސިޔާސީ ކަންކަން ކުރުން ނޫންކަމަށާއި އޭގެ ބަދަލުގައި އިޖްތިމާޢީ ކަންކަމުގައި ހަރަކާތްތެރިވުމަކީވެސް މުހިއްމުކަމެއްކަމަށެވެ. އަދި ޒުވާނުން ބާރުވެރިކުރުވާ، ޒުވާނުންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަކީ މިފިއެސްޓާގެ މައިގަނޑު މަޤްސަދުކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ސްޕޯޓްސް ފިއެސްޓާގެ މެޗުތައް ކުރިއަށްދާނީ ރައީސް ޔާމީންގެ ވެރިކަމުގައި ތަރައްޤީކޮށްފައިވާ ދަނޑުތަކުގައިކަމަށް ވިދާޅުވިއެވެ. 

"ވައި 18 ސްޕޯޓްސް ފިއެސްޓާ" އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ސްޕޯޓްސް ފިއެސްޓާގެ ވެބްސައިޓް ވަނީ އިފްތިތާޙުކޮށްފައެވެ.