ވިޔަފާރި

އީ ބޭންކިންގ ބޭނުންކުރާ ފަރާތްތަކުން ޕާސްވޯޑު ބަދަލުކުރުމަށް އެދިއްޖެ





ބޭންކް އޮފް މޯލްޑިވްސްގެ އިންޓަރނެޓް ބޭންކިންގެ ސަލާމަތީ ކަންތައްތައް ހުރީ ރަނގަޅަށް ކަމަށާއި، ނަމަވެސް ސަލާމަތީ ފިޔަވަލެއްގެ ގޮތުން އިންޓަރނެޓް ބޭންކިންގެ ޙިދުމަތް ހޯއްދަވާ ކަސްޓަމަރުންގެ ޕާސްވޯޑް ބަދަލުކުރުމަށް ބީ.އެމް.އެލް އިން އެދިއްޖެއެވެ. އިންޓަރނެޓްގެ ޒަރިއްޔާއިން ވިޔަފާރީގެ މުޢާމަލާތްކުރާ އޮޕަން ސޯސް ސޮފްޓްވެއަރ އެއްކަމަށްވާ އޯޕަން.އެސް.އެސް.އެލްގައި ބޭނުންކުރާ ވެބްސައިޓްތަކަށް އަމާޒުކޮށްގެން އުފައްދާފައިވާ ކޮންޕިއުޓަރ ވައިރަހެއް ކަމަށްވާ، "ހާޓްބްލީޑް"ގެ ހަމަލާތަކެއް ގިނަ ވެބްސައިޓަތަކަށް އަމާޒުވުމާ އެކު، ބީ.އެމް.އެލްގެ އިންޓަރނެޓް ޚިދުމަތް ބޭނުންނުކުރުމަށް އެދި ރާއްޖޭގެ ނެޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޮލޮޖީ، އެން.ސީ.އައި.ޓީގެ ނަމުގައި ބަޔަކު މެސެޖްތަކެއް ފެތުރުމާއި ގުޅިގެން ބީ.އެމް.އެލް އިން ބުނީ، އެއީ ހަގީގަތާއި ހިލާފް މެސެޖެއް ކަމަށެވެ. އަދި އެއީ އެން.ސީ.އައި.ޓީގެ މެސެޖެއް ނޫންކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ. އިއްޔެ ދައުރުވަމުން ދިޔަ މެސެޖްގައި ބުނެފައިވަނީ، "ނުރައްކާތެރި އިންޓަނެޓް ވައިރަހެއް ކަމަށްވާ "ހާޓްބްލީޑް" ބޭނުންކޮށްގެންކަސްޓަމަރުންގެ ކްރެޑިޓް ކާޑް ނަމްބަރާއި، ޔޫޒަރނޭމްއާއި ޕާސްވޯޑް ފަދަމައުލޫމާތު ހޯދޭނެތީ، އީބޭންކިންގެ ހިދުމަތް ބޭނުންކުރާ ފަރާތްތަކުންމިއަދު އެ ހިދުމަތް ބޭނުން ނުކުރުމަށް އެންސީއައިޓީން އިލްތިމާސް ކުރާ ކަމަށެވެ."


މިކަމާއި ގުޅޭ ގޮތުން ބީ.އެމް.އެލް އިން ބުނީ، އޯޕަން.އެސް.އެސް.އެލްގެ މައްސަލަ ދުނިޔޭގެ ހުރިހާ ހިސާބަކަށްވެސް ކުރި މަތިވެ "ހާޓް ބްލީޑް"ގެ ނުރައްކާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ގިނަ ބަޔަކު ތަހައްމަލް ކުރި ކަމަށެވެ. އަދި އޭގެ އަސަރު ބީ.އެމް.އެލްގެ އިންޓަރނެޓް ބޭންކިންއަށް ކޮށްފާނެތީ، 30 މިނެޓަށް ޚިދުމަތް މެދުކަނޑާލި ކަމަށެވެ. އަދި އޭގެ ފަހުން ސަލާމަތީ ކަންކަން ކަށަވަރު ކުރުމަށްފަހު ޚިދުމަތް ދޭން ފަށާފައިވާ ކަމަށް ވެސް ބީ.އެމް.އެލް އިން ހާމަކުރިއެވެ. ނަމަވެސް ސަލާމަތީ ސަބަބުތަކަށް ކަސްޓަމަރުންގެ ޕާސްވޯޑް ބަދަލުކުރުމަށް ބޭންކުން އިލްތިމާސްކުރެއެވެ.


 
އޯޕަން.އެސް.އެސް.އެލްގައި ބޭނުންކުރާ ވެބްސައިޓްތަކަށް އަމާޒުކޮށްގެން އުފައްދާފައިވާ "ހާޓް ބްލީޑް" ވައިރަހުން ވެބްސައިޓްތަކުގައި ރައްކާކޮށްފައި ހުންނަ ޔޫސަރ ނޭމް، ޕާސްވޯޑް ފަދަ މުހިންމު މައުލޫމާތު ހޯދައެވެ. މިކަން ހައްލުކުރުމަށް އޯޕަން.އެސް.އެސް.އެލް އިން ވަނީ ވެބްސައިޓްތައް އަޕްގްރޭޓް ކުރުމަށް އެސައިޓްގެ އަޕްޑޭޓްތަކެއް ނެރެފައެވެ.