ވިޔަފާރި

ޗައިނާ-ރާއްޖެ ފްރީޓްރޭޑް އެގްރީމަންޓްގެ މަޝްވަރާތައް ނިންމާލައިފި


ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ ގޮތުން ކުރިއަށްގެންދިޔަ ވަހަކަތައް ދިވެހިރާއްޖެއިން ހުށަހެޅިގޮތަށް ނިމި ދެޤައުމުގެ ދެމެދުގައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު ވެވުމަށް ހަމަޖެހިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭ ވާހަކަތަކާމެދު ދެފަރާތް އެއްބަސްވެ ސޮއިކޮށްފައި މިވަނީ ދާދިފަހުން ޗައިނާގައި ބޭއްވި ބައްދަލުވުންތަކަށްފަހުއެވެ. މި ވާހަކަތަކުގައި ދިވެހިރާއްޖޭގެ ފަރާތުން އެންމެ އިސް މަންދޫބެއްގެ ގޮތުން ބައިވެރިވެ ވަޑައިގެންނެވީ، އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދުއެވެ.

img:http://s4.psmnews.mv/images/660x400/15057327263521.jpg|ފްރީ ޓްރޭޑް އެގްރީމަންޓާ ގުޅޭ މަޝްވަރާތައް ކުރިއަށްދަނީ

ޗައިނާގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ، އެޤައުމުގެ މިނިސްޓަރ އޮފް ކޮމާސް ސޮންގ ޝަންއެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ލިބިފައިވާގޮތުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭ ވާހަކަތަކުގައި ޗައިނާއިން ވަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. ޗައިނާ އާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ ގޮތުން ކުރިއަށްގެންދިޔަ ވަހަކަތަކުގެ ނިމުން ރާއްޖެއިން ހުށަހެޅިގޮތަށް ނިމިފައިވާއިރު، ދިވެހި ސަރުކާރުން މީގެކުރިން ވިދާޅުވެފައި ވަނީ، ޤައުމުތަކާއިއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ޤާއިމްކުރުމުގައި އެންމެބޮޑު އިސްކަމެއް ދޭނީ، ދިވެހިރާއްޖޭގެ ސިޔާދަތާއި ދިވެހިންގެ މިނިވަންކަމަށް ބުރޫ ނާރާނެގޮތަށް އެއްބަސްވުންތައް އެކުލަވާލުމަށްކަމަށެވެ.

ދިވެހިރާއްޖެއިން ދަނީ ދުނިޔޭގެ ބައެއް ބޮޑެތި ޤައުމުތަކާއެކުވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް އެކަށައެޅުއްވުމަށް މަސައްކަތް ކުރައްވަމުންނެވެ. މީގެތެރޭގައި ހޮންކޮންގ، އިނގިރޭސިވިލާތް، ޖަޕާނު، އެމެރިކާ ފާހަގަކޮށްލެވެއެވެ.