ޚަބަރު

7 މެޖިސްޓްރޭޓް ކޯޓަކަށް ފަނޑިޔާރުން އައްޔަންކޮށްފި


7 މެޖިސްޓްރޭޓް ކޯޓަކަށް ފަނޑިޔާރުން އައްޔަންކޮށްފިއެވެ.

މިއަދު ސުޕްރީމްކޯޓްގައި ބޭއްވި ރަސްމިއްޔާތެއްގައި 7 ފަނޑިޔާރުންނަށް ހުވާލާދެއްވީ ހައިކޯޓްގެ ފަނޑިޔާރު އަލީ ސަމީރުއެވެ. މިއަދު ފަނޑިޔާރުން އައްޔަންކޮށްފައިވަނީ ހދ.މަކުނުދޫއާއި ޅ.ހިންނަވަރާއި އެ އަތޮޅު ނައިފަރާއި ގދ.ވާދޫއާއި އެ އަތޮޅު ގައްދޫއާއި ލ.މާމެންދޫއާއި ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށެވެ.

ގދ.ވާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓަކަށް އައްޔަންކޮށްފައި ވަނީ އެރަށު ވަޑިގޭ އަލްއުސްތާޒް ލިމްއާން މުހައްމަދުއެވެ. ޅ.ހިންނަވަރު ކޯޓްގެ އިސް މެޖިސްޓްރޭޓަކަށް އައްޔަންކޮށްފައިވަނީ އެ ރަށު ނޫރާނީގޭ އަލްއުސްތާޒް ސުލައިމާން މުހައްމަދުއެވެ. ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓަކަށް އައްޔަންކޮށްފައިވަނީ ގދ.ގައްދޫ ހަނދުވަރީނާޒް އަލްއުސްތާޒް މުހައްމަދު ޝަނީޒް އަބްދުﷲއެވެ.

ޅ.ނައިފަރު ކޯޓްގެ އިސް މެޖިސްޓްރޭޓަކަށް އައްޔަންކޮށްފައިވަނީ ކ.ތުލުސްދޫ އަލޭރާ އަލްއުސްތާޒާ މަރްޔަމް ނަސްރާއެވެ. ލ.މާމެންދޫ ކޯޓްގެ އިސްމެޖިސްޓްރޭޓަކަށް އައްޔަންކޮށްފައި ވަނީ ލ.އިސްދޫ ބީޗްރެސްޓް އަލްއުސްތާޒް އަލީ ޝަރީފްއެވެ. ހދ.މަކުނުދޫ ކޯޓްގެ އިސްމެޖިސްޓްރޭޓަކަށް އައްޔަންކޮށްފައިވަނީ އަލްއުސްތާޒް މުހައްމަދު އިހްސާންއެވެ.

ފުވައްމުލަކު ކޯޓްގެ މެޖިސްޓްރޭޓަކަށް އައްޔަންކޮށްފައިވަނީ ފުވައްމުލަކު ފުނާޑު ކޯޒީ އަލްއުސްތާޒާ ހަދީޖާ ލީނާއެވެ. މެޖިސްޓްރޭޓުން ހުވާކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓްގެ ބައެއް ފަނޑިޔާރުންގެ އިތުރުން ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ބައެއް މެމްބަރުން ބައިވެރިވެޑައިގެންނެވިއެވެ.