ޚަބަރު

ފްލެޓް ދީފައިވަނީ އެކަމުގެ ހައްޤުވެރިންނަށް- މިނިސްޓަރ


ސަރުކާރުން މިފަހަރު ފްލެޓް ދީފައިވަނީ، ބޯހިޔާވަހިކަމަށް އެންމެބޮޑަށް ބޭނުންޖެހިފައިވާ، އެކަމުގެ ހައްޤުވެރިންނަށްކަމަށް ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ ވިދާޅުވީ ޕޮއިންޓް ދީފައިވަނީ ތިން ފަހަރެއްގެ މަތިން ފޯމްތައް އިވެލުއޭޓްކޮށް، ގޭގެއަށްގޮސް ހާލަތުބަލާ ސަރވޭ ކުރުމަށްފަހުކަމަށެވެ.

ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ސިޔާސަތުގެ ދަށުން އަޅާ ސޯޝަލް ހައުސިންގ ފްލެޓްތަކުގެ ތެރެއިން، ސަތޭކަ ފަސްދޮޅަސް އެއް ފަރާތުގެ ލިސްޓް އާއްމުކޮށްފައިވަނީ މިމަހުގެ ބާރަވަނަދުވަހުއެވެ. ލިސްޓުތައް އާއްމުކޮށްފައިވަނީ ނަންހާމަނުވާގޮތަށް ފޯމް ނަންބަރާއިއެކުއެވެ. ލިސްޓުގައި އެއް ފޯމު ނަންބަރު ތަކުރާރުވެފައިވުމުގެ ސަބަބުން ހައުސިން މިނިސްޓްރީންވަނީ އެލިސްޓް އިސްލާހުކޮށް އަލުން ޢިއުލާންކޮށްފައެވެ. 

ފްލެޓްތަކަށް މާކްސްދީފައިވާގޮތާއި، ބެހޭގޮތުން ޝަކުވާތައް އަންނަނަމުންދަތީ ފްލެޓް ދިނުމުގެ އުސޫލާއި ގުޅޭގޮތުން ހައުސިންގ މިނިސްޓަރ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.

މި ބައްދަލުވުމުގައި ހައުސިންގ މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ ފްލެޓަށް ޕޮއިންޓް ދިނުމުގައި ވަރަށް ބޮޑަށް ބަލާފައިވާކަމަށެވެ. މި ފްލެޓްތަކަށް ޖުމްލަ 15693 ފަރާތުން ކުރިމަތިލިއިރު، މިފަހަރު ފްލެޓް ދީފައިވަނީ ސަތޭކަ ފަސްދޮޅަސް އެއް ފަރާތަށެވެ.

މިނިސްޓަރ ވިދާޅުވީ ފްލެޓް ދިނުމުގައި އެހެން އެއްވެސް ސަރުކާރަކުން ބަލާފައިނުވާ ވަރަށް މި ސަރުކާރުގައި ބަލާފައިވާނެކަމަށެވެ. އެގޮތުން ފޯމްތައް ތިންފަހަރެއްގެ މަތިން އިވަލުއޭޓްކޮށް، އަދި ގޭގެއަށް ގޮސް ހާލަތު ދެނެގަނެ ސަރވޭ ކޮށްފައިވާކަމަށެވެ. 

މިނިސްޓަރ ވިދާޅުވީ ފްލެޓް ދިނުމުގައި އެއްވެސް ފަރާތެއްގެ ނުފޫޒެއް މިނިސްޓްރީއަށް ފޯރާފައި ނުވާކަމަށާއި، ފްލެޓާއި ގުޅޭ މަޢުލޫމާތު އިތުރު ފަރާތަކާއިއެކު މިނިސްޓްރީން ހިއްސާކޮށްފައިނުވާކަމަށެވެ. 

ފްލެޓް ދީފައިވާނީ އިވަލުއޭޓް ކުރުމަށްފަހު އެކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ، ފްލެޓް ލިބުން އެންމެ ޙައްގުވެރި ފަރާތްތަކަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ބައެއް ފަރާތްތަކުން ފޯމުގައި ސައްޚަނޫން މަޢުލޫމާތު ހިމަނާފައިވާކަމަށާއި، އެކަމުގެ ސަބަބުން ސްލިޕްގައިވާ ޕޮއިންޓަށް ބަދަލު ގެނެސްފައިވާކަމަށެވެ.

ޖުމްލަ 704 ފްލެޓް މިފަހަރު ހަވާލުކުރުމަށް ހަމަޖެހިފައިވާއިރު، ކެޓަގަރީ އެކަކުން 500 ފްލެޓާއި، ކެޓަގަރީ ދޭކުން 161 ފްލެޓާއި، ކެޓަގަރީ ތިނަކުން 25 ފްލެޓް އަދި ގުޅީފަޅުން ފްލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން 18 ފަރާތައް ވަނީ ފްލެޓް ދީފައެވެ.

އަތޮޅުތެރެއިންވެސް ފްލެޓް ލިސްޓްތައް އާއްމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ކައުންސިލްތަކާއި ގުޅިގެން ކުރަމުން އަންނަ މި މަސައްކަތުގައި، ބައެއް ރަށްތަކުގެ ލިސްޓް އާއްމުކޮށްފައިވާއިރު، ހ.އ ދިއްދޫއާއި، ގ.ދ ތިނަދޫގެ ލިސްޓް އާއްމުކުރުމުގައި މައްސަލަ ދިމާވެފައިވަނީ އެރަށްރަށުގެ ކައުންސިލުން އެއްބާރުލުން ދީފައިނުވާތީކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެމަސައްކަތްތައް ދެން ކުރާނީ ސީދާ މިނިސްޓްރީގެ ބެލުމުގެދަށުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. 

ވަގުތީ ލިސްޓް އާއްމުކޮށްފައިވާއިރު، ޝަކުވާތަކަށް ބަލައި އެއައް ޖަވާބުދާރީވުމަށްފަހު، ބަދަލެއް ގެންނަން ޖެހިއްޖެނަމަ އެބަދަލުތަކާއިއެކު ފައިނަލް ލިސްޓް ވަރަށް އަވަހަށް އާއްމުކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެގްރިމެންޓް ހަވާލުކުރުމުގެ ކުރިންވެސް ފޯމްތައް އިވަލުއޭޓް ކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.