ދުނިޔެ

ރޮހިންޔާ މީހުން ބަންގްލަދޭޝްގެ ކޭމްޕްތަކުން ނިކުތުން މަނާ!


މިޔަންމާގެ ރަކާން ސްޓޭޓްގައި އެ ގައުމުގެ ބައިމަދު ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކުން ސަލާމަތްވެގެން ބަންގްލަދޭޝަށް ހިޖުރަކުރާ ރެފިއުޖީން ބަންގްލްދޭޝްގެ އެހެން ހިސާބުތަކަށް ދަތުރުކުރުން، އެ ގައުމުގެ ސަރުކާރުން މަނާކޮށްފިއެވެ.

ރަކާން ސްޓޭޓްގެ ހަމަނުޖެހުންތަކުގެ ސަބަބުން ހަތަރުސަތޭކަ ހާހަށްވުރެ ގިނަ މީހުން ބަންގްލަދޭޝަށް ހިޖުރަކޮށްފައިވާކަމަށް އދން ވަނީ ބުނެފައެވެ. މިޔަންމާގެ ރަކާން ސްޓޭޓަށް ވަނުން، އިންސާނީ އެހީދޭ ފަރާތްތަކަށް ވަނީ މަނާކޮށްފައެވެ. އެހެންކަމުން މިޔަންމާގެ ހަރުކަށި އަސްކަރިއްޔާގެ ރަހުމުކުޑަ ޢަމަލުތަކުން ސަލާމަތްވެވެން އޮތް ހަމައެކަނި ގޮތަކީ އަވަށްޓެރި ބަންގްލަދޭޝަށް ހިޖުރަކުރުން ކަމަށް ހާލުގައި ޖެހިފައި ތިބި ގިނަ މީހުން ދެކެއެވެ.

ފާއިތުވި ދެ ހަފްތާގެ ތެރޭގައި މިޔަންމާގެ ރަކާން ސްޓޭޓުން ސަލާމަތްވެގެން ހަތަރުސަތޭކަހާހަށް ވުރެ ގިނަ މީހުން ބަންގްލަދޭޝަށް ހިޖުރަކޮށްފައިވާކަމަށް އދން ވަނީ ހާމަކޮށްފައެވެ.

އެތައް ދުވަހެއްގެ ދިގު ދަތުރުތަކަށް ފަހު ބަނޑުހައިހޫނުކަން މަތީ އަދި ސިއްހީ ފަރުވާވެސް ބޭނުންވާ ހާލުގައި ބަންގްލަދޭޝަށް ދަތުރުކުރަމުންދާ މި ނިކަމެތި ރެފިއުޖީންނަށް ބަންގްލަދޭޝްގައިވެސް މި ވަނީ އިތުރު ހުރަސްތަކާ ކުރިމަތިލާން ޖެހިފައެވެ. މި ގޮތުން، ބަންގްލަދޭޝްއިން ހިޔާވަހިކަން ހޯދާގައިވާ ރޮހިންޔާ މުސްލިމުންނަށް ހާއްސަކޮށްފައިވާ ވަގުތީ ހިޔާތައް ނޫން ސަރަހައްދުތަކަށް މިޔަންމާގެ މުސްލިމުންގެ ދިއުން މަނާކުރާ ޢަމުރެއް، ބަންގްލަދޭޝްގެ ފުލުހުން ވަނީ ނެރެފައެވެ.

ބަންގްލަދޭޝްގެ ފުލުހުންގެ ތަރުޖަމާނު ސަހްލީ ފިރްދައުސް ވިދާޅުވީ، ބަންގްލަދޭޝްގައި މިހާރު ދިރިއުޅޭ މިޔަންމާގެ ރެފިއުޖީންނަށް ހާއްސަކޮށްގެން ހަދާފައިވާ ހިޔާތަކުން ބޭރަށް މިފަދަ ފަރާތްތަކުން ނިކުމެގެން ނުވާނެ ކަމަށާއި އަނބުރާ ގައުމަށް ދެވެންދެން މިފަދަ ފަރާތްތަކުން ތިބެން ޖެހޭނީ މި ވަގުތީ ކޭމްޕްތަކުގައި ކަމަށެވެ. މީގެ އިތުރުން، ބަންގްލަދޭޝްގައި ތިބި ރޮހިންޔާ މުސްލިމުންގެ ގާތް މީހުންނާ ރައްޓެހިންގެ ގޭގައި ތިބުމަކީވެސް އެ ޢަމުރުގެ ދަށުން މަނާ ކަމެއް ކަމަށާއި، ބަންގްލަދޭޝްގެ ރައްޔިތުންނަށް ވަނީ ރޮހިންޔާ މުސްލިމުންނަށް ގެދޮރު ކުއްޔަށްދިނުމާއި، ގެދޮރުގައި އެމީހުން ބެއިތިއްބުންވެސް މަނާކޮށްފައެވެ.

ހުސްވި ހަފުތާގައި ބަންގްލަދޭޝުން ބުނެފައިވަނީ އެގައުމަށް ދާ ރޮހިންޔާ މުސްލިމުންގެ ރެފިއުޖީންނަށް އެކަށިގެންވާ އެހީ ދިނުމުގެ ޤާބިލްކަން އެގައުމުގެ ކިބައިގައި ނެތް ކަމަށާ މިކަމުގައި ބައިނަލްއަޤްވާމީ ދުނިޔޭގެ އެހީތެރިކަން ބޭނުންވާކަމަށެވެ. އެހެންނަމަވެސް ބަންގްލަދޭޝަށް ދާ ރެފިއުޖީންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ބަންގްލަދޭޝްގެ ސަރުކާރުން މިހާތަނަށް ގެންގުޅިފައިވާ ސިޔާސަތުތަކަށް، ބައިނަލްއަޤްވާމީ ގިނަ ފަރާތްތަކުގެ ވަނީ ފާޑުކިއުންތައް އަމާޒުކޮށްފައެވެ. އަދި އެގައުމުން ރެފިއުޖީން ބޭތިއްބުމަށް ހަދާފައިވާ ވަގުތީ ހިޔާތަކުގެ ހާލަތު ވަރަށް ދެރަ ކަމަށާއި، އެތަންތަނުން ރެފިއުޖީންނަށް އެކަށީގެންވާ ހިޔާވަހިކަމާ ރައްކާތެރިކަން ލިބޭނެ ކަމާމެދު ޝައްކު އުފެދޭ ކަމަށްވެސް ބައިނަލްއަޤުވާމީ މީޑިއާއިން ވަނީ ބުނެފައެވެ.

މީގެ ކުރިންވެސް ބަންގްލަދޭޝުން ވަނީ، އެ ގައުމުން މި ރެފިއުޖީންނަށް ދެވޭނީ ވަގުތީ ހިޔާކަމަށް ބުނެފައެވެ. އަދި މިޔަންމާގައި ހަމަނުޖެހުންތައް ހުއްޓުމާއެކު މި ރެފިއުޖީން އަނބުރާ ގައުމަށް ގެންދިއުމަށް ރައްކާތެރި ސަރަހައްދުތަކެއް ކަނޑައެޅުމަށްވެސް ބަންގްލަދޭޝުން ވަނީ މިޔަންމާއަށް ގޮވާލާފައެވެ. މިޔަންމާގެ ސަރުކާރުން ވަނީ މިކަމަށް އިންކާރުކޮށްފައެވެ.