ދުނިޔެ

ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް ރަޝިޔާއިން ވައިގެ ހަމަލާތަކެއްދީފި


ސޫރިޔާގައި ހަރަކާތްތެރިވަމުންދާ އައި.އެސް ހަނގުރާމަވެރިންނާ ދެކޮޅަށް ބައިނަލްއަޤްވާމީ އިއްތިހާދާ ގުޅިގެން ހަނގުރާމަ ކުރަމުންދާ ސޫރިޔާގެ ހަނގުރާމަވެރި ޖަމާޢަތް ސީރިއަން ޑިމޮކްރެޓިކް ފޯރސަސް (އެސް.ޑީ.އެފް)ގެ ހަނގުރާމަވެރިންނަށް އަމާޒުކޮށްގެން ރަޝިޔާއިން ވައިގެ ހަމަލާތައް ދީފައިވާކަމަށް އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަންއިން ހާމަކޮށްފިއެވެ.

ރަޝިޔާގެ ހަނގުރާމަމަތީ ޖެޓުތަކުން މި ހަމަލާތައް ދީފައިވަނީ ފުރާތު ކޯރުގެ އިރުމަތީގައި އޮންނަ ސޫރިޔާގެ ދައިރަލްޒޫރު، އައި.އެސްގެ އަތުން މިނިވަންކުރުމަށް ހަރަކާތްތެރިވަމުންދިޔަ އެސް.ޑީއެފްގެ ހަނގުރާމަވެރިންނާއި ބައިނަލްއަޤުވާމީ އިއްތިހާދުގެ މުޝީރުންނަށް އަމާޒުކޮށްގެން ކަމަށް ޕެންޓަގަންއިން ބުނެއެވެ. މި ހަމަލާގައި އެސް.ޑީ.އެފްގެ ބައެއް ހަނގުރާމަވެރިން ވަނީ ޒަޚަމްވެފައެވެ. އެހެންނަމަވެސް ބައިނަލްއަޤުވާމީ އިއްތިހާދުގެ މުޝީރުންނަށް އެއްވެސް އަނިޔާއެއް ނުވާކަމަށްވެސް ޕެންޓަގަންއިން ވަނީ ބުނެފައެވެ. ހޮނިހިރު ދުވަހު ހިނގި މިޙާދިސާގައި އެސް.ޑީ.އެފްގެ އަމާޒުތަކަށް ވައިގެ ހަމަލާތައް ދިންކަން ރަޝިޔާއިން ވަނީ ދޮގުކޮށްފައެވެ. މި ހަމަލާތައް އެންމެ ފުރަތަމަ ރިޕޯޓްކޮށްފައި ވަނީ އެސް.ޑީ.އެފުންނެވެ.

އެ ޖަމާޢަތުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ހަމަލާގެ ފަހަތުގައި ވަނީ ސޫރިޔާގެ އަސްކަރިއްޔާ ކަމަށާ ސޫރިޔާގެ އަސްކަރިއްޔާއިން ދަނީ ދައިރަލްޒޫރު ހިފުމަށް އެ ޖަމާޢަތުން ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އަޅަމުންކަމަށެވެ. އެމެރިކާގެ އެއްބާރުލުމާ އެކު ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރި ޖަމާޢަތްތަކުން ފުރާތުކޯރުގެ އިރުމަތިން  ދައިރަލްޒޫރު ހިފުމަށް އޮޕަރޭޝަނެއް ހިންގަމުންދާ އިރު ސޫރިޔާގެ ސަރުކާރަށް ތާޢިދުކުރާ ސަލާމަތީ ބާރުތަކުން ދަނީ ރަޝިޔާގެ އެއްބާރުލުމާއެކު އެކޯރުގެ ހުޅަނގުން އައި.އެސްއާ ދެކޮޅަށް އޮޕަރޭޝަނެއް ހިންގަމުންނެވެ.

ދައިރަލްޒޫރު ހިފުމަށް ހަރަކާތްތެރިވާ ސޫރިޔާގެ އަސްކަރިއްޔާގެ ފައުޖުތަކާ އެސް.ޑީ.އެފްގެ ފައުޖުތަކާ ދެމެދު ހަނގުރާމައެއް ކުރުމަށް ހުރަސްއެޅުމަކީ އެމެރިކާއާ ރަޝިޔާގެ މަސްއޫލިއްޔަތެއްކަމަށް ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ އިސް މުޝީރު ބުޘައިނާ ޝާބަން ވަނީ ދާދި ފަހުން ވިދާޅުވެފައެވެ. ލުބުނާނުގެ ހިޒްބުއްﷲއިން ހިންގާ އަލް މަނާރް ޓީވީ އަށް ދެއްވި ބަސްދީގަތުމެއްގައި އޭނާ ވިދާޅުވީ އައި.އެސް ވިޔަސް އެސް.ޑީ.އެފް ވިޔަސް، ހަނގުރާމަވެރި ޖަމާޢަތްތައް ސޫރިޔާގެ ބިމުން ނައްތާލުމަށް ސޫރިޔާގެ ސަރުކާރާ އަސްކަރިއްޔާއިން މަސައްކަތްތައް ކުރާނެކަމަށެވެ.