ދުނިޔެ

ފަތަޙް ޖަމާޢަތާއެކު މަޝްވަރާކުރުމަށް ހަމާސް އިން ނިންމައިފި


ފަލަސްޠީނުގެ ޣައްޒާ ކޮންޓްރޯލްކުރާ ހަމާސް ޖަމާޢަތުން، ފަލަސްޠީނުގެ އެހެނިހެން ސަރަހައްދުތަކުގައި ވެރިކަން ކުރާ ފަތަޙް ޖަމާޢަތާއެކު ސިޔާސީ ވާހަކަތައް ބޭއްވުމަށް އެއްބަސްވެއްޖެއެވެ.

މިކަމާ ބެހޭގޮތުން ހަމާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޖަމާޢަތުން ޣައްޒާގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އިދާރާގެ މަސައްކަތްތައް ހުއްޓާލުމަށް ނިންމާފައިވާ ކަމަށާއި، ޣައްޒާ ހިންގުމުގެ މަސްއޫލިއްޔަތުވެސް ފަލަސްޠީނުގެ މައި ސަރުކާރާ ހަވާލުކުރުމަށް ނިންމާފައިވާކަމަށެވެ. އަދި މިއާއެކު މުޅި ފަލަސްޠީނުގައި އިންތިޚާބެއް ބާއްވާ ފަތަޙް ޖަމާޢަތާއެކު އަލުން ވާހަކަތަކުގައި ބައިވެރިވުމަށްވެސް ހަމާސްއިން އެއްބަސްވާ ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.

ފަލަސްޠީނުގެ މައި ސަރުކާރު ޕަލެސްޓައިން އެތޯރިޓީ އާއި ހަމާސް ޖަމާއަތުން 2007 ވަނަ އަހަރު ވަނީ ހަނގުރާމައެއް ކޮށްފައެވެ. މި ހަނގުރާމައިގެ ފަހުން ހަމާސްއިން ދަނީ ޣައްޒާ ކޮންޓްރޯލް ކުރަމުންނެވެ. ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާ ޣައްޒާ ގުޅުވާލާ، ދެ ސަރަހައްދުގައި ހަމާސް އާއި ފަތަޙަ ޖަމާއަތުން ގުޅިފައިވާ ސަރުކާރެއް އުފެއްދުމުގެ މަޤްޞަދުގައި މީގެ ކުރިން ކުރިއަށްގެންދިޔަ މަޝްވަރާތައް ވަނީ ނާކާމިޔާބުވެފައެވެ. ހަމާސްއިން ފަތަޙް ޖަމާޢަތާއެކު މަޝްވަރާތަކަށް ތައްޔާރަށް އޮތްކަން ހާމަކޮށްފައި މިވަނީ، މި ދެފަރާތުގެ ދެމެދު އިތުރު މަޝްވަރާތައް ކުރުމަށް މިސްރުން މެދުވެރިވެގެން ބޭއްވި ވާހަކަތަކަށްފަހު ކަމަށް ރޮއިޓަރސް އިން ހާމަކުރެއެވެ.

އަނެއްކޮޅުން، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ވެރިކަމުގައި މެދު އިރުމަތީގެ ސުލްހައިގެ މަޝްވަރާތައް އަލުން ފެށި ނަމަވެސް، މިކަމުގައި ފުރިހަމަ ކާމިޔާބީއެއް ލިބޭނީ މުޅި ފަލަސްޠީނު އެކަތިގަނޑަކަށް ވެގެންކަމަށް ފަލަސްޠީނުގެ ރައީސް މަހްމޫދު އައްބާސްގެ ސަރުކާރުން ދެކިވަޑައިގަންނަވައެވެ.