ޚަބަރު

އެމްއެމްޕީއާރުސީއަށް 160 މިލިއަން ރުފިޔާ ދެއްކުމަށް ހުކުމްކޮށްފި


މޯލްޑިވްސް މަރކެޓިންގެ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އެމްއެމްޕީއާރުސީ އަށް އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑުން 160 މިލިޔަން ރުފިޔާ ދެއްކުމަށް ސިވިލްކޯޓުން ހުކުމްކޮށްފިއެވެ.

އެސް.އޯ.އެފް އަކީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ރެޑްނޯޓިސް ނެރެފައިވާ މުހައްމަދު އައްލާމް ލަތީފްގެ ހިއްސާ ކުރިން އޮތް ކުންފުންޏެކެވެ. އެސް.އޯ.އެފުން 160 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލްކޯޓުން މިއަދު ހުކުމްކޮށްފައިވަނީ އެ ކުންފުނިން ދޭންޖެހޭ 10 މިލިޔަނަށްވުރެ ގިނަ ޑޮލަރު ހޯދުމަށް އެމްއެމްޕީއާރުސީން ދައުވާކުރި މައްސަލާގައެވެ.

ސިވިލްކޯޓްގެ ހުކުމުގައި ބުނެފައިވަނީ އެސްއޯފުން އެމްއެމްޕީއާރުސީއަށް ދައްކަންޖެހޭ ފައިސާކަން ސާބބިތުވާކަމަށެވެ. އަދި އެ ފައިސާއަކީ ދައްކަން ނުޖެހޭ ފައިސާއެއްކަން އެސްއޯއެފްއަށް ސާބިތުކޮށްދެވިފައިނުވާކަމަށްވެސް އެހުކުމްގައިވެއެވެ. އަދި އެ ފައިސާ މިއަދުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި ދައްކާ ނިންމުމަށްވެސް ކޯޓްގެ ހުކުމްގައިވެއެވެ.

މި މައްސަލައިގެ އަޑުއެހުމަށް އެސްއޯއެފް ހާޒިރުނުވުމުން މައްސަލަ ނިންމާފައިވަނީ އެކުންފުނީގެ ޣައިރު ހާޒިރުގައެވެ. 

އެމްއެމްޕީއާރުސީން ދައުލަތަށް ލިބެންޖެހޭ އެކެއް ޕޮއިންޓް ދޭ ބިލިއަން ރުފިޔާއަށް ވަނީ ހިޔާނަތްތެރިވެފައެވެ. މި ފައިސާއިން ބަޔަކަށް ހިޔާނާތްތެރިވި މައްސަލައެއްގައި  ކުރީގެ ނާއިބު  ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާސީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތާއި އަހުމަދު އަދީބްގެ ގާތް އެކުވެރިއެއްކަމަށްވާ ހާމިދު އިސްމާއިލްގެ މައްޗަށް ކުށްސާބިތުވެ އަންނަނީ ޖަލުހުކުމެއް ތަންފީޒުކުރަމުންނެވެ. އަދި އިތުރު މައްސަލަތަކެއްވެސް ދައުލަތުން ވަނީ އަދީބާއި ޒިޔަތުގެ މައްޗަށް އުފުލާފައެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ގެއްލުނު ފައިސާ އެކި ފަރާތްކަށް ބަހާފައިވަނީ އެސްއޯއެފްގެ އެކައުންޓްތައް މެދުވެރިކޮށެވެ.