ޚަބަރު

ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމަށް އެކްޝަން ޕްލޭނެއް


ފަނޑިޔާރުންގެ މަހާސިންތާގެ ތެރެއިން ކުރިއަށްގެންދިޔަ "ޖުޑީޝަލް ސިމްޕޯޒިއަމް އޮން ޗައިލްޑް ރައިޓްސް އެންޑް ދަ ޖުވެނައިލް ޖަސްޓިސް ސިސްޓަމް" ގެ ތެރޭގައި ކުޑަކުދިންގެ ޙައްޤުތަކާއި ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި، ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ އެކިއެކި ބައިތަކާ ގުޅޭ މައުޟޫޢުތަކަށް އެކުލަވާލާފައިވާ ޢިލްމީ ދިރާސާތައް ހުށައަޅާފައިވެއެވެ. އެގޮތުން ކަމާބެހޭ ޢިލްމީ 8 ކަރުދާހެއް ހުށައަޅައި މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ. އަދި ފަނޑިޔާރުންނާއި ކަމާ ބެހޭ މުއައްސަސާތަކުގެ ބޭފުޅުންގެ ތަޖުރިބާ ޙިއްޞާ ކުރުމާއި، ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ކުރިއަށްގެންދިއުމުގައި އިދާރާތަކަށް ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާކޮށްފައިވެއެވެ.

img:http://s1.psmnews.mv/images/660x400/15056377533455.jpg|ފަނޑިޔާރުންގެ މަހާސިންތާ 2017ގެ ތެރެއިން / ފޮޓޯ: ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

މި މަހާސިންތާއަކީ ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދިޔަ މަހާސިންތާއެކެވެ. ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ޖުވެނައިލް ކޯޓްގެ ރަޖިސްޓްރަރ ޒަޢީމާ ނަޝީދު އަބޫބަކުރު ވިދާޅުވީ، މިމަހާސިންތާގެ ތެރޭގައި އެކުލަވާލި އެކްޝަން ޕްލޭންގެ ސަބަބުން ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ދިގުމުއްދަތުގައި ކުރަންޖެހޭ ކަންކަން ބަޖެޓްގައި ހިމަނައިގެން ކުރުމަށް މަގުފަހިވެގެންދާނެކަމަށެވެ.

ޔުނިސެފް މޯލްޑިވްސްގެ ފަރާތުން ވާހަކަދައްކަވަމުން މުޙައްމަދު ނަޢީމް ވިދާޅުވީ ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ މުހިންމު ބައެއްކަމަށެވެ. އަދި މި މަހާސިންތާގެ ސަބަބުން މިކަމުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށެވެ.

img:http://s2.psmnews.mv/images/660x400/15056377421696.jpg|ފަނޑިޔާރުންގެ މަހާސިންތާ 2017ގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު / ފޮޓޯ: ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

ބައްދަލުވުމުގެ ބައިވެރިންގެ ފަރާތުން ވާހަކަދައްކަވަމުން ކްރިމިނަލް ކޯޓްގެ އިސްފަނޑިޔާރު އަލްއުސްތާޛް ޢާދަމް އާރިފް ވިދާޅުވީ، ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ގުޅޭ ވަރަށް ގިނަ މައުޟޫޢުތަކަށް މިބައްދަލުވުމުގެ ތެރެއިން މަޝްވަރާ ކޮށްފައިވާކަމަށެވެ.

ބަނޑޮސް މޯލްޑިވްސް ރިސޯޓްގައި 4 ދުވަހުގެ މުއްދަތައް ކުރިއަށްގެންދިޔަ މިމަހާސިންތާއަކީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް ޢަބްދުﷲ ސަޢީދުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދިޔަ މަހާސިންތާއެކެވެ. މި މަހާސިންތާ ނިންމުމަށްފަހު އެކި މުއައްސަސާތަކުން މި މަހާސިންތާގައި ބައިވެރިވި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުއްﷲ ސަޢީދުއެވެ.