ކުޅިވަރު

މިލަންދޫއަށް މެޗު ޚާއްޞަ، ތިނަދޫއަށް ވަކި ޚާއްޞައެއްނޫން


އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މިރޭ ށ.މިލަންދޫ އާއި ތިނަދޫ ބައްދަލުކުރާ މެޗަކީ މިލަންދޫ ޓީމާއި ސަޕޯޓަރުން އިންތިޒާރުކުރަމުން އަންނަ މެޗެއް ކަމަށް މިލަންދޫ ޓީމުގެ ކޯޗް މުޙައްމަދު ނާސިރު ބުނެފިއެވެ. 

ޕްރީ މެޗު ނިއުސް ކޮންފަރެންސްގައި ނޫސްވެރިންނާ ވާހަކަދައްކަމުން ނާސިރު ބުނީ މިނިވަން ޗެންޕިއަންޝިޕްގައި ތިނަދޫ އާއި މިލަންދޫ ބައްދަލުކުރި މެޗުން ތިނަދޫ މޮޅުވެފައިވާތީ ދިވެހި ލީގުގައި ތިނަދޫ ޓީމާ ދެކޮޅަށް ރަނގަޅު ފައިޓެއް ދިނުމަށް ކުޅުންތެރިން ތިބީ ކެތްމަދުވެފައިކަމަށެވެ. މިލަންދޫ އިން މިރޭގެ މެޗާ ކުރިމަތި ލާއިރު މުހިންމު ދެ ކުޅުންތެރިޔަކު ކާޑު ހަމަވުމުގެ ސަބަބުން ވަނީ ސަސްޕެންޑްވެފައެވެ. އަނިޔާގައިވެސް ދެ ކުޅުންތެރިޔަކު ތިބިކަން ކޯޗް ވަނީ ފާހަގަކޮށްފައެވެ. އޭނާ އިތުރަށް ވާހަކަ ދައްކަމުން ބުނީ ތަޖުރިބާ މަދު ކުޅުންތެރިންނާއެކު މެޗަށް ނިކުންނަން ޖެހުނަސް ކަންބޮޑުނުވާ ކަމަށާއި، ބޮޑަށް އިސްކަންދޭނީ މެޗުން މޮޅުވެ ތިން ޕޮއިންޓް ހޯދުމަށްކަމަށެވެ. ވޭތުވިޔަ މެޗުތަކުގައި ބޮޑަށް ޑިފެންސިވް ގޭމެއް ކުޅުނުނަމަވެސް މި މެޗްގައި ވަކި ހާއްސަކޮށް ޑިފެންސްކުރަން ނުވިސްނާކަމަށާއި، ތިނަދޫ ޓީމުގައި އީގަލްސްގެ ކުޅުންތެރިން ތިބުމުގެ ސަބަބުން ކުރިއަށްވުރެ ބޮޑަށް ތިނަދޫ ޓީމުގެ ފެންވަރު ރަނގަޅު ވާނެތީ އެކަމަށް ސަމާލުވާނެކަމަށެވެ. 

ތިނަދޫ ޓީމުގެ ކޯޗް އެންމެ ފުރަތަމަ ވާހަކަ ދައްކަމުން އަލިއަޅުވާލާފައި ވަނީ މާޒިޔާ އާއި ކްލަބް ގްރީން ސްޓްރީޓް ބައްދަލުކުރި މެޗުގައި ހިނގައިދިޔަ ކަންތައްތަކަށެވެ. އޭނާ ބުނީ ކުޅިވަރުގައި އެންމެ މުހިންމު އެއްބަޔަކީ ރެފްރީން ކަމަށާއި އެމީހުނަށް ރެސްޕެކްޓް ކުރަން ޖެހޭނެކަމަށެވެ. މެޗާ ގުޅޭގޮތުން ވާހަކަ ދައްކަމުން ހުއާން މެނައުލް މާޓީނޭޒް ސައީޒް ބުނީ ލީގުގައި ކުޅޭ ކޮންމެ މެޗަކީވެސް މުހިންމު މެޗެއް ކަމަށާއި، މިލަންދޫ ޓީމާ ދެކޮޅަށް ކުޅޭ މެޗް އެޓީމަށް ވަކި ހާއްސަނުވާކަމަށެވެ. ތިނަދޫ ޓީމާއެކު 50 ދުވަހު މަސައްކަތް ކުރެވިފައިވާކަން ފާހަގަކުރަމުން އޭނާ ބުނީ އޭނާ ބޭނުންވާގޮތަށް މެޗްތައް ކުޅެން މިހާރު ޓީމުގެ ކުޅުންތެރިންނަށް އެނގޭނެކަމަށެވެ. އެހެންކަމުން މިރޭގެ މެޗަށްވެސް ނިކުންނާނީ މެޗުން މޮޅުވެ ތިން ޕޮއިންޓް ހޯދައިގެން ލީގުގައި ކުރިޔަށް ދިޔުމަށްކަމަށެވެ.

ތިނަދޫއާއި މިލަންދޫ ވާދަކުރާ މެޗުވެސް ޔެސް ޓީވީން ވަގުތުން ދައްކާނެއެވެ.