ކުޅިވަރު

މިއީ އުނދަގޫ ހާލަތުގައި ލިބުނު ބޮޑު ހިތްހަމަ ޖެހުމެއް - ގްރީން


މާޅޮހުގެ މައްޗަށް ހޯދި މޮޅާއިއެކު އުނދަގޫ ހާލަތުގައި އޮތް ގްރީނަށް ހިތްހަމަޖެހުމުގެ ނޭވާއެއް ލެވިއްޖެކަމަށް ކުލަބު ގްރީން ސްޓްރީޓްސް އެސިސްޓަންޓް ކޯޗު ފަރީދު މުޙައްމަދު ބުނެފިއެވެ. 

ބޮޑު ތަފާތަކުން މާޅޮސް ބަލިކުރި މެޗަށްފަހު ފަރީދު ބުނީ ރޭގެ މެޗަށް ޓީމް ނިކުތީ އުނދަގޫ ހާލަތެއްގައި އޮވެކަމަށާއި، ޓީމްގެ އެންމެ މުހިންމު ކުޅުންތެރިޔާ މެޗަށް ސަސްޕެންޑުކޮށްފައި ހުރިކަންވެސް އެނގުނީ މެންދުރުކަމަށެވެ. މީގެ އިތުރުން ކޯޗު ސޮބާހު މުޙައްމަދު އާއިލީ ކމެއްގައި ކުއްލިއަކަށް ފުރައިން ދާނެ ޖެހުންވެސް ފަރީދު ފާހަގަކުރިއެވެ. އޭނާ ބުނީ އުނދަގޫ ހާލަތުގައި ގިނަ ލަނޑުތަކަކާއިއެކު މޮޅުވުމަކީ ޓީމަށް ލިބުނު ބޮޑު ހިތްހަމަ ޖެހުމަކާއި އިތުބާރެއްކަމަށެވެ. މާލޭ ލީގުގައިވެސް ޓީމަށް ލަނޑު ޖެހުމުގައި އުނދަގޫތަކެއް ދިމާވިކަމަށާއި، ފަސް ގޯލުގެ ތަފާތުން މެޗު ކާމިޔާބުކުރެވުމަކީ ކުރިއަށްހުރި މެޗުތަކަށް އެޓޭކިންގ ލައިންގެ އިތުބާރު ބޮޑުވިކަމެއްކަމަށެވެ.

" މިއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. އުނދަގޫ ހާލަތެއްގައި ޓީމް އޮއްވާ ލިބުނު ބޮޑު މޮޅުގެ ސަބަބުން ޓީމްގެ އިތުބާރުވެސް ބޮޑުވާނެ " ފަރީދު ބުންޏެވެ.

މެޗަށްފަހު މާޅޮހުގެ ކޯޗު އަލީ ނިޝްތާރު ބުނީ ތަފާތު ބޮޑުކޮށް ބަލިވާން ދިމާވި މައިގަނޑު ސަބަބަކީ ޓީމްގައި ބޭނުންކުރެވޭ ހާލަތުގައި ޑިފެންޑަރެއް ނެތުންކަމަށެވެ. މިޑްފިލްޑަރެއް ޑިފެންސަށް ލައިގެން ކުޅެން ޖެހުމުން އުނދަގޫތަކެއް ދިމާވިކަމަށާއި، މިއީ މާޅޮހަށް ގޯސް ދުވަހެއްކަމަށް ކޯޗު ބުންޏެވެ. އޭނާ ބުނީ ޓީމްގެ ތަޖުރިބާކާރު ކުޅުންތެރިންނަށްވެސް ރަނގަޅަށް ޕާފޯމް ނުކުރެވުނުކަމަށާއި، ބޮޑު ސްކޮޑެއް ނެތުމުން އެކަމުގެ އުނދަގޫތައް ލީގުގެ ފަހިކޮޅަށް ދިޔުމުން ފެންނާނެކަމަށެވެ.

" މިއީ މާޅޮހަށް ގޯސް ދުވަހެވެ. ޑިފެންޑަރެއް ނެތުން އެންމެ ބޮޑު މައްސަލައަކީ. ބޮޑު ސްކޮޑެއް ނެތި ދިގު ލީގެއް ކުޅެން ޖެހުމުން އެކަން ފަހުކޮޅަށް ދާއިރު ފެންނާނެ." ނިޝްތާރު ބުންޏެވެ.