ކުޅިވަރު

މާޅޮހުގެ މައްޗަށް ގްރީން ބޮޑު މޮޅެއް ހޯދައިފި


މާޅޮހުގެ މައްޗަށް ގްރީން ސްޓްރީޓްސްއިން ބޮޑު މޮޅެއް ހޯދައިފިއެވެ. ލީގުގައި އއ.މާޅޮހާއި ކުލަބު ގްރީން ސްޓްރީޓްސް ވާދަކުރި މެޗު ގްރީނުން ކާމިޔާބުކުރީ5-0 ގެ ބޮޑު ތަފާތަކުންނެވެ.

 މެޗުގައި ގްރީނުން ޖެހި ފުރަތަމަ ލަނޑު ދިހަވަނަ މިނެޓުގައި ޖަހައިދިނީ އަހުމަދު ރިޒުހާންއެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ދެވަނަ ލަނޑު ޖަހައިދިނީ އަހުމަދު ނިޒާމްއެވެ. ގްރީނުގެ ފުރަތަމަ ލަނޑާއި ދެވަނަ ލަނޑަކީ ފޯވާޑް އަހުމަދު ރަޝީދު ތަނަވަސްކޮށްދިން ދެ ފުރުސަތުން އެޓީމުން ޖެހި ދެ ލަނޑެވެ. ޑިފެންޑަރ ޕެޓްރޯ ކޮވަލްޗުކްގެ ގޯލުން ދެވަނަ ހާފް ގްރީނުން ފެށިއިރު، އެޓީމްގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ އަހުމަދު ނިޒާމްއެވެ. ނިޒާމްގެ މި ލަނޑަކީ އެޓީމަށް ލިބުނު ހިލޭ ޖެހުމަކުން ވިލިއަމް ފޮނުވާލި ބޯޅަ ކީޕަރު ޒަމީރު އަތުގައި ޖެހިފައި ގޯލް އޭރިއާ ތެރެއަށް ވެއްޓުމުން ހުސްކޮށްހުރެ ނިޒާމް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ. މެޗުގެ އިތުރު ވަގުތުގައި ގްރީނުގެ ފަސްވަނަ ލަނޑު ޖަހައިދިނީ ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އަލީ ޝާމިސްއެވެ.

 މި ނަތީޖާއާއިއެކު ކުލަބު ގްރީން ސްޓްރީޓްސް ވަނީ ތާވަލްގެ ތިންވަނައަށް ޖެހިލާފައެވެ. ތާވަލްގެ ތިންވަނައިގައި އޮތް ނިއުރޭޑިއަންޓާއި ގްރީން ވަނީ ޕޮއިންޓްގެ ގޮތުން އެއްވަރުވެފައެވެ. ފައިދާ ގޯލުގެ ތަފާތުންވެސް ދެޓީމްވަނީ އެއްވަރުވެފައެވެ. ގްރީނަށް ކުރި ލިބެނީ ޖެހި ގޯލްގެ އަދަދު ގިނަވުމުންނެވެ. ނަމަވެސް ގްރީން ވަނީ ނިއުއަށްވުރެ އެއް މެޗު އިތުރަށް ކުޅެފައެވެ.