ރޮހިންގޔާ މުސްލިމުން ހިމާޔަތްކުރުމަށް އ.ދ ގެ ޖެނަރަލް އެސެމްބްލީގައި ނެގި ވޯޓެއްގައި ދިވެހިރާއްޖޭން ބައިވެރިނުވާކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ދިވެހި ސަރުކާރުން ދޮގުކުރައްވައިފިއެވެ.
މިކަމާއި ގުޅޭގޮތުން ފޮރިންގ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއަގައި ބުނެފައިވަނީ، އ.ދ ގައި އިއްޔެ ނެގީ، އ.ދ. ގެ ޖެނެރަލް އެސެމްބްލީގައި މިހާރު ކުރިއަށްދާ 72 ވަނަ ސެޝަންގެ އެޖެންޑާ އާއި އެސެޝަނުގެ މަސައްކަތްތައް އިންތިޒާމް ކުރުމަށް ހަވާލުކުރެވިފައިވާ އާންމު ކޮމިޓީގެ ރިޕޯޓުގައި، ޖެނެރަލް އެސެމްބްލީގެ އެޖެންޑާ ނަންބަރު 132 ގެ ދަށުން "ރެސްޕޮންސިބިލިޓީ ޓު ޕްރޮޓެކްޓް އެންޑް ދަ ޕްރިވެންޝަން އޮފް ޖެނޮސައިޑް، ވޯ ކްރައިމްސް، އެތުނިކް ކްލެންސިންގ، އެންޑް ކްރައިމްސް އެގެއިންސްޓް ހިއުމެނިޓީ" މިމައުޟޫޢު ހިމަނާނެތޯ ނުވަތަ ނުހިމަނާނެތޯ ބެލުމަށް ނެގުނު ޕްރޮސީޖަރަލް ވޯޓެއްކަމަށެވެ. އަދި މިއަދު އދ. ގެ ޖެނަރަލް އެސަމްބްލީގައި ނެގި ވޯޓަކީވެސް ރޮހިންގޔާ މުސްލިމުންނާއި ބެހޭގޮތުން ނެގުނު ވޯޓެއް ނޫން ކަމަށާއި، އެވޯޓުގައި ހިމެނޭ މައްސަލައިގައި ރޮހިންޔާ މުސްލިމުންގެ ނަން ހިމަނާފައިވެސް ނުވާކަމަށް ފޮރިންގ މިނިސްޓްރީން މައުލޫމާތުދެއެވެ.
ފޮރިންގ މިނިސްޓްރީން ބުނީ، ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް މިޔަންމާގައި ހިންގާ ޖަރީމާތަކަކީ ރާއްޖެއިން އަބަދުވެސް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަންތައްތަކެކަމަށާއި، އެ ޖަރީމާތައް ހުއްޓުވައި، އެކަމުގައި ޒިންމާވާ ފަރާތްތަކާމެދު އެކަށީގެންވާ ފިޔަވަޅު އެޅުމަށް މިމަހުގެ ތެރޭގައިވެސް ރާއްޖެއިން އ.ދ. އަށް ގޮވާލާފައިވާކަމަށެވެ.
'ރެސްޕޮންސިބިލިޓީ ޓު ޕްރޮޓެކްޓް' ނުވަތަ އާރު. ޓޫ.ފީ ގެ އުޞޫލުގެ ނަމުގައި ޤައުމުތަކުގެ ދާޚިލީ ކަންތައްތައްތަކުގެ ތެރެއަށް ބާރުގަދަ ޤައުމުތަކުން ވަންނަން ފުރުޞަތު ދެވޭތީ އާރު.ޓޫ.ޕީގެ ނަމުގައި ފިޔަވަޅު އެޅުމަށް އަމާޒުކޮށް އ.ދ. ގެ އާންމު މަޖިލީހުގައި ނެގޭ ވޯޓުތަކުގައި ބައިވެރިނުވުމަށް ކުރިއްސުރެ ވެސް ރާއްޖެއިން ނިންމާފައިވާކަން ފޮރިންގ މިނިސްޓްރީގެ ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ.