ކުޅިވަރު

"އިތުރު 7 ސާއިދު ޓެރެކަށް ނެރެވޭވަރުގެ ހުނަރުތައް ފެނިއްޖެ"


ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ދުވުން ހުއްޓާލަންވާއިރަށް އިތުރު ހަތް ސާއިދު ޓްރެކަށް ނެރެވޭނެކަމަށް އެތްލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ޠޮލާލް ވިދާޅުވެއްޖެއެވެ.

 އެތްލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ތޮލާލް ވިދާޅުވީ ކޮންމެ ކުޅިވަރެއްގެވެސް އެންމެ މޮޅު އެތްލީޓް އެކުޅިވަރެއް ހުއްޓާލަންވާއިރަށް އެ ފެންވަރުގެ އެތްލީޓެއް އުފެއްދުމަކީ ކޮންމެހެން ކުރަންޖެހޭކަމެއްކަމަށެވެ. އެތްލެޓިކްސްއިން ރާއްޖެއަށް ރީތި ނަން ހޯދާދީފައިވާ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ދުވުން ހުއްޓާލަންވާއިރަށް އެފެންވަރުގެ ދުވުން ތެރިއެއް ނުވަތަ ސާއިދު ހޯދި ކާމިޔާބީތައް ތަކުރާރުކޮށް އަދި އެއަށް ވުރެ ބޮޑެތި ކާމިޔާބީތައް ހޯދޭނެ އެތްލީޓުން އެބަތިބިކަމަށް ތޮލާލު ވިދާޅުވިއެވެ. 

އެތްލެޓިކްސް މުޅި ރާއްޖެއަށް ފުޅާވެ، އަތޮޅު ތެރޭގައިވެސް އެތްލެޓިކްސްގެ ބޮޑެތި މުބާރާތްތައް މިހާރުވެސް ދަނީ ކުރިއަށެވެ. އަތޮޅު ތެރޭގައި ކުރިއަށްދާ މުބާރާތްކާއި މާލޭގައި ކުރިއަށްދާ މުބާރާތްތަކުން ސާއިދު ހޯދި ކާމިޔާބީއަށް ވުރެ ބޮޑެތި ކާމިޔާބީ ހޯދޭނެ ކުދިން މިހާރު ދެނެގަނެފައިވާކަން ތޮލާލް ފާހަގަކުރެއްވިއެވެ. އެކުދިންނަށް ބޭނުންވަނީ ރަނގަޅު ތަމްރީނުތަކެއްކަމަށްވެސް މޯލްޑިވްސް އެތްލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ޠޮލާލް ފާހަގަކުރެއްވިއެވެ.

"އަތޮޅު ތެރޭގެ މުބާރާތްތަކުގައި މިހާރުވެސް އެބަތިބި ރަނގަޅު ތަމްރީނުތަކެއް ލިބިއްޖެނަމަ، ސާއިދު ބީޓް ކޮށްލެވޭ ވަރުގެ އެތްލީޓުން. އެކުދިންނަށް ބޭނުންވަނީ ރަނގަޅު ތަމްރީނުތަކެއް. މިހާރުވެސް އަތޮޅު ތެރޭގައި ތިބި ކުދިންނަށް އަތޮޅު ތެރޭގެ ކޯޗުން ދަނީ ތަމްރީން ދެމުން. ނަމަވެސް އެކުދިން ނެޝަނަލް ޕޫލްގައި ބައިވެރިކޮށް، އެޑިއުކޭޝަނާ ވާހަކަދައްކައިގެން އެކުދިންގެ ކިޔެވުމުގެ ކަންތައްތައް ހަމަޖައްސާ، ރަނގަޅު ކޯޗުންނާއި އެކު އެކުދިން ތަމްރީން ކުރުން ވަރަށް މުހިންމު. މިހާރުވެސް ރާއްޖެއިން ބޭރުގައި ތަމްރީން ހަދަމުންދަނީ އަތޮޅު ތެރެއިން ފާހަގަކުރެވުނު ސްކޫލް ކުދިންތައް."

ތަލާލް އިތުރަށް ވާހަކަދައްކަމުން ވިދާޅުވީ މިހާރު ބޮސްޓްވާނާގައި ތަމްރީން ހަދަމުންދާ ހަތަރު ކުދިންނަކީވެސް ސާއިދު ބީޓް ކޮށްލެވޭ ވަރުގެ އެތްލީޓުންކަމަށެވެ. ސާއިދު ކުރިވަރަށް މަސައްކަތް ކުރުމަކީވެސް ވަރަށް މުހިންމުކަމެއްކަމަށާއި، ރާއްޖެއިން ބޭރުގައި ތިބި އެތްލީޓުންނަށް އެކަން ކުރެވިދާނެކަމަށްވެސް ތޮލާލު ވިދާޅުވިއެވެ. އަދި މާލޭގެ ނެޝަނަލް ޕޫލްގައިވެސް ސާއިދު ބީޓްކޮށްލެވޭ ވަރުގެ ތިން އެތްލީޓުން އެބަތިބިކަމަށް ތޮލާލް ވިދާޅުވިއެވެ.

"އާންމުކޮށް އިންޓަރ ސްކޫލް މުބާރާތްތަކުން ފާހަގަކުރެވޭ ކުދިން ނެޝަނަލް ޕޫލަށް ނަގައިގެން އެކުދިން ތަމްރީން ކުރަމުންދަނީ. މީގެ ބޭނުމަކީ ސާއިދު ދުވުން ހުއްޓާލަންވާއިރަށް އެފެންވަރުގެ ދުވުންތެރިން އުފެއްދުން. އެސޯސިއޭޝަންގެ އަމާޒަކީ ސާއިދު ކުރި މަސައްކަތުގެ ދެ ގުނަ ކުރާނެ ގިނަ ކުދިންތަކެއް އުފެއްދުން. ބައިނަލްއަޤްވާމީ ގިނަ ރަން މެޑަލްތަކެއް ރާއްޖެއަށް ހޯދުން."

ހާހަކަށްވުރެ ގިނަ އެތްލީޓުންނާއެކު މިހާރު ކުރިއަށްދާ އިންޓަރ ސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕުންވެސް ފެންނަނީ އުއްމީދީ މަންޒަރެކެވެ. މާލޭގެ ސްކޫލްތަކާއި އަތޮޅުތަކުގެ ސްކޫލްތަކުގެ ދަރިވަރުންގެ ވާދަވެރިކަމާއެކު ކުރިމަގުގައި މޮޅު އެތްލީޓުންތަކެއް އުފެދޭނެކަމުގެ މަންޒަރު ދަނީ ފެންނަމުންމެވެ.