ދުނިޔެ

މެލޭޝިޔާ ސްކޫލެއްގައި އަލިފާން ރޯވެ، 24 މީހުން މަރުވެއްޖެ


މެލޭޝީޔާގެ ވެރިރަށް ކުއަލަ ލަމްޕޫރުގައި ހުންނަ ބޯޑިންގް ސްކޫލެއްގައި ހިނގި އަލިފާނުގެ ޙާދިސާއެއްގައި 24 މީހުން މަރުވެއްޖެއެވެ.

މިޙާދިސާގައި މަރުވި މީހުންގެ ތެރޭގައި 22 ދަރިވަރުންވެސް ހިމެނެއެވެ. މެލޭޝިޔާގެ އޮފިޝަލުން ބުނެފައިވަނީ ފިރިހެން ކުދިންނަށް ޚާއްސަ މި ބޯޑިންގް ސްކޫލުގައި އަލިފާނުގެ ޙާދިސާއެއް ހިނގީ ކަރަންޓް ޝޯޓުވެގެން ކަމަށާއި، މި ހާދިސާ ހިނގާފައިވަނީ ތިންބުރީގެ ސްކޫލް އިމާރާތުގެ އެންމެ މަތީ ފަންގިފިލާގައިކަމަށެވެ.

މިފަންގިފިލާއަކީ ދަރިވަރުން ނިދުމަށް ޙާއްސަކޮށްފައިވާ ފަންގިފިލާ ކަމަށާއި، އަލިފާނުގެ ޙާދިސާގައި މަރުވި ގިނަ ކުދިންވެސް މަރުވީ އެ ފަންގިފިލާގައި ކަމަށް ވެސް މެލޭޝިޔާގެ އޮފިޝަލުން ހާމަކުރެއެވެ. މި ހާދިސާގައި މަރުވި ގިނަ ކުދިންނަކީ 13 އަހަރާ 17 އަހަރާ ދެމެދުގެ ކުދިން ކަމަށާ މީގެ ތެރެއިން ގިނަ ކުދިން މަރުވެފައިވަނީ އަލިފާނުގެ ސަބަބުން އުފެދުނު ދުމުގެ ސަބަބުން ހާސްވެގެން ކަމަށް އޮފިޝަލުން ބުނެއެވެ.

ޕޮލިސް ޗީފް ޢަމަރު ސިންގްހް ވިދާޅުވީ، މި ހާދިސާ ހިނގި ތަނުގައި ހުރީ އެންމެ ދޮރެއް ކަމަށާއި އަލިފާނުގެ ހާދިސާގައި ހިނގި ވަގުތު ހުރިހާ ކުދިން އެއްފަހަރާ ނިކުންނަން މަސައްކަތްކުރުމުގެ ސަބަބުން ގިނަ ކުދިން ފިތުނުކަމަށެވެ. މެލޭޝިޔާގެ މި ބޯޑިންގް ސްކޫލަކީ ދީނީ ޢިލްމު ކުދިންނަށް އުގަންނައިދީ ކީރިތި ޤުރުއާން ހިތުދަސްކުރަން ދަރިވަރުން ތަމްރީންކުރާ ސްކޫލެކެވެ.