ވިޔަފާރި

އެއަރޕޯޓު ޑިވެލޮޕްމަންޓް ފީގެގޮތުގައި 3 މަސްދުވަހުން 119 މިލިއަން


އެއަރޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ތިން މަސްދުވަހުގެތެރޭގައި ދައުލަތަށް 119.8 މިލިއަން ރުފިޔާ ލިބިއްޖެއެވެ. 

އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަކީ، 1 މޭ 2017 ނުވަތަ އެ ދުވަހުގެ ފަހުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދިވެހިރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން، އެއަރޕޯޓް ސަރވިސް ޗާޖްގެ އިތުރުން، ނެގޭ ފީއެކެވެ. 

މި ފީ ނެގޭ ރޭޓަކީ ކޮންމެ ބިދޭސީ ފަސިންޖަރެއްގެ އަތުން 25 އެމެރިކާ ޑޮލަރު އަދި ކޮންމެ ދިވެހި ފަސިންޖަރެއްގެ އަތުން 12 އެމެރިކާ ޑޮލަރެވެ. މި ފީއިން އިސްތިސްނާ ކުރެވިފައިވަނީ ހަމައެކަނި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފުރާ މީހުންގެ އަތުން އެއަރޕޯޓު ޑިވެލޮޕްމަންޓް ފީ ނަގަން ފަށާފައިވަނީ މޭމަހުގެ އެއްވަނަ ދުވަހުއެވެ. އަދި މި ފީތައް މީރާއަށް ޖަމާކުރަން ފަށާފައިވަނީ ޖޫންމަހުން ފެށިގެންނެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ނެރެފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޮގަސްޓްމަހު އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ދޭއް ޕޮއިންޓް އަށެއް މިލިއަން ޑޮލަރު ލިބިފައިވެއެވެ. މިއީ ސާޅީސް ދެ މިލިއަން ރުފިޔާއެވެ.

އަދި މިއާއެކު އޮގަސްޓްމަހުގެ ނިޔަލަށް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ދައުލަތަށް ހަތެއް ޕޮއިންޓް އަށެއް މިލިއަން ޑޮލަރު ލިބިފައެވެ. މިއީ ސަތޭކަ ނަވާރަ ޕޮއިންޓް އަށެއް މިލިއަން ރުފިޔާއެވެ.