ޚަބަރު

ޓްރެވަލް ރައިޓާސް ކޮންފަރެންސްގެ ޕާޓްނަރުންނާއެކު ސޮއިކޮށްފި


ރާއްޖޭގެ ފަތުރުވެރިކަން މުޅި ދުނިޔެއަށް އިސްތިހާރުކުރުމުގެ ގޮތުން، ޕަބްލިކް ސަރވިސް މީޑިއާގެ މޯލްޑިވްސް ޓީވީ ޗެނަލުން ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ޓްރެވަލް ރައިޓަރސް ކޮންފަރެންސްގެ ޕާޓްނަރުންނާއިއެކު ޕީއެސްއެމްއިން ސޮއިކޮށްފިއެވެ.

ވޯލްޑް ޓްރެވަލް ރައިޓަރސް ކޮންފަރެންސްގެ ޕާޓްނަރުންނާއިއެކު ޕީއެސްއެމްއިން ސޮއިކޮށްފައިވަނީ، އެކަމަށްޓަކައި ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޕާޓްނަރުންނާއިއެކު ޕަބްލިކް ސަރވިސް މީޑިއާގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޚަލީލްއެވެ.

ވޯލްޑް ޓްރެވަލް ރައިޓަރސް ކޮންފަރެންސްގެ ޕާޓްނަރުންގެ ތެރޭގައި ސަރުކާރުގެ ކަމާއި ގުޅުންހުރި މިނިސްޓްރީތަކާއި، ކުންފުނިތަކާއި މުއައްސަސާތަކުގެ އިތުރުން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ވިޔަފާރިތައް ހިމެނެއެވެ. މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އިސް ޖަމްޢިއްޔާތަކާއި އެނޫންވެސް ފަރާތްތައް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

img:http://s3.psmnews.mv/images/660x400/15053879199029.jpg|ވޯލްޑް ޓްރެވަލް ރައިޓަރސް ކޮންފަރެންސްގެ ޕާޓްނަރުންނާއިއެކު ޕީއެސްއެމްއިން ސޮއިކުރުން / މިކޮންފަރެންސްގައި ދުނިޔޭގެ މަޝްހޫރު ނަން ހިނގާ ޓްރެވަލް ލިޔުންތެރިން ބައިވެރިވާނެ

ވޯލްޑް ޓްރެވަލް ރައިޓަރސް ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ، މިހިނގާ ސެޕްޓެމްބަރުމަހުގެ 17 ވަނަދުވަހު ބަނޑޮސް މޯލްޑިވްސް ރިސޯޓްގައެވެ. އަދި މިކޮންފަރެންސްގެ ގާލާ ނައިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ، މިމަހުގެ އަށާރަވަނަ ދުވަހު އަދާރަން ހުދުރަންފުށީގައެވެ. މިކޮންފަރެންސް އަކީ، ރާއްޖޭގެ ފަތުރުވެރިކަން މުޅި ދުނިޔެއަށް އިސްތިހާރުކުރުމަށް ދިވެހި ސަރުކާރާ ގުޅިގެން ފަތުރުވެރިކަމާއި ބެހޭ ލިއުންތެރިންގެ މެދުގައި ބާއްވާ ބައްދަލުވުމެކެވެ. ވަރލްޑް ޓްރެވަލް ރައިޓަރސް ކޮންފަރެންސްގައި ދުނިޔޭގެ މަޝްހޫރު ނަންހިނގާ ޓްރެވަލް ލިއުންތެރިން ބައިވެރިވާނެއެވެ.

ފަތުރުވެރިކަމާއި ބެހޭ ލިއުންތެރިންގެ ޙާއްސަ ކޮންފަރެންސެއް ބޭއްވުމަށް ޕީއެސްއެމްއިން ތައްޔާރުވަމުންދާއިރު، މިއީ މިފަދަ ކޮންފަރެންސެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ފަތުރުވެރިކަމާއި ބެހޭ ލިއުންތެރިންގެ ޚާއްސަ ކޮންފަރެންސެއް ބޭއްވުމަކީ އެކަމުގެ ސަބަބުން މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް މުޅި ދުނިޔެއަށް އިސްތިހާރުކުރުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެއްކަމަށް ޕީއެސްއެމްއިން ދެކެއެވެ.