ޚަބަރު

ޓީޗަރސް ކޮންފަރެންސް ނޮވެމްބަރުމަހު ބާއްވާގޮތަށް ހަމަޖައްސައިފި


4 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ނޮވެމްބަރުމަހު ބާއްވާގޮތަށް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން ނިންމައިފިއެވެ.

މިއަހަރުގެ ކޮންފަރެންސް ބާއްވަން ނިންމާފައިވަނީ ނޮވެމްބަރުމަހުގެ ބާރަ، ތޭރަ މިދެދެދުވަހުއެވެ. މި އަހަރުގެ ކޮންފަރެންސް އިންތިޒާމްކުރަނީ ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސް އާ ގުޅިގެންކަމަށް އެންއައިއީން ބުނެއެވެ. މިފަހަރުގެ ކޮންފަރެންސްގެ ތީމަކީ "ކަރިކިއުލަމް ޕެޑެގޮޖީ އެންޑް އެސެސްމެންޓް: އިނޮވޭޓިވް ވިޝަންސް ޓު ފޯސްޓަރ އިފެކްޓިވް ލާނިންގ."އެވެ.

މި ކޮންފަރެންސަކީ، ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން ކޮންމެ ދެއަހަރުން އެއްއަހަރު ތަޢުލީމީ ދާއިރާގެ، އުނގަންނައިދިނުމުގެ ކަންކަމަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ ކޮންފަރެންސެކެވެ. ތަޢުލީމީ ދާއިރާއާ ގުޅުންހުރި ތަޖްރިބާކާރު ބޭފުޅުން ހިމެނޭގޮތަށް އިންޓަރނޭޝަނަލް ފެންވަރުގައި ފުރުޞަތު ހުޅުވާލައިގެން ބާއްވަމުންގެންދާ މި ކޮންފަރެންސްގައި ރާއްޖޭގެ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކަށް އެއްވެސް އިސްތިސްނާއެއްނެތި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް އެންއައިއީން ބުނެއެވެ.

މީޑިއާއަށް މައުލޫމާތުދެއްވަމުން، ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ސީނިއަރ ޕޮލިސީ އެގްޒެކްޓިވް ޑރ.އަހުމަދު ޒިޔާދު ވިދާޅުވީ، މި އަހަރު ބާއްވާ ޓީޗަރސް ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ އާ މަންހަޖާއި، ކިޔަވައިދިނުމުގެ ވައްޓަފާޅިއާއި، ފެންވަރު ވަޒަންކުރުމުގެ މައްޗަށްކަމަށެވެ. އަދި މި ކޮންފަރެންސްގައި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ކޮންމެ މީހަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޓީޗަރސް ކޮނަފަރެންސްގެ މަޤްސަދުތަކުގެ ތެރޭގައި، ކަރިކިއުލަމް ހެޔޮގޮތުގައި ތަންފީޒުކުރުމަށްޓަކައި ތައުލީމީ ދާއިރާއަށް ޚިދުމަތްކުރާ ފަރާތްތަކުގެ އެހީތެރިކަމާ އެއްބާރުލުން ހޯދުމާއި، ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ކޮށްފައިވާ ދިރާސާތަކާއި، ހޯދާފައިވާ ހޯދުންތަކުން ލިބިފައިވާ މައުލޫމާތު ވީހާވެސް ގިނަ ފަރާތްތަކާ ޙިއްސާކުރެވޭފަދަ ޕްލެޓްފޯމެއް ޤާއިމްކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން ކޮންފަރެންސައް ހުށަހެޅޭ ދިރާސަތަކުގެ އަލީގައި ތައުލީމީ ދާއިރާ އިތުރަށް ހަރުދަނާކުރުމުގެ މަގުފަހުކޮށްދިނުމާއި، ކިޔަވައިދިނުން އިތުރަށް ހަރުދަނާކޮށް އުނގެނުމަށް ފަހި މާހައުލެއް ޤާއިމްކުރުމަށް މަގުފަހުކޮށްދިނުވެސް ހިމަނާފައިވެއެވެ. އަދި ތައުލީމީ ދާއިރާގައި ހުރި ގޮންޖެހުންތައް ފާހަގޮށް އެކަންތައްތައް ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތައް ކަނޑައެޅުމާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ ގުޅުން ބަދަހިކޮށް މަޢުލޫމާތާއި ތަޖްރިބާ ބަދަލުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުންވެސް މި ކޮންފަރެންސްގެ މަޤުސަދުތަކުގެތެރޭގައި ހިމެނެއެވެ.

އިންޓަރނޭޝަނަލް ޓީޗާރސް ކޮންފަރެންސް ދެހާސް ސަތާރަ ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ އެފުރުސަތު ހުޅުވާލާފައެވެ. އަދި ދިރާސާތަކާއި، ކަރުދާސްތައް ހުށަހެޅުމުގެ ފުރުސަތުވެސް މިހާރުވަނީ ހުޅުވާލާފައެވެ.