ދުނިޔެ

އދ.ގެ އާއްމު މަޖިލީހަށް ވަޑައިނުގަތުމަށް ސޫޗީ ނިންމަވައިފި


މިޔަންމާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން މިމަހުގެ ފަހުކޮޅު އެމެރިކާގައި އޮންނަ އދގެ އާއްމު މަޖިލީހުގައި އެގައުމުގެ ގައުމީ ލީޑަރު އައުން ސަން ސޫޗީ ބައިވެރިވަޑައިނުގަންނަވާނެ ކަމަށް އޭނާގެ އޮފީހުން ހާމަކޮށްފިއެވެ.

ރޮއިޓަރސްއާ ވާހަކަދައްކަވަމުން ސޫޗީގެ ތަރުޖަމާނު ޒައު ތޭއި ވިދާޅުވީ، ސޫޗީ މިހާރު ދަނީ އެ ގައުމުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް މަސައްކަތްތައް ކުރައްވަމުން ކަމަށާ، މިޔަންމާގައި ސުލްޙައާ ސަލާމަތް ޤާއިމުކުރުމަށް ޓަކައި ގިނަ ފިޔަވަޅުތަކެއް އަދި އަޅަން ޖެހޭ ކަމަށެވެ. 

މިޔަންމާގެ ލީޑަރު ސޫޗީ އދގެ ބައްދަލުވުމަށް ވަޑައިނުގަންނަވާނެކަން ހާމަކުރައްވާފައި މިވަނީ، ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ރަކާން ސްޓޭޓްގައި ހިންގަމުންދާ ލާއިންސާނީ އަނިޔާތަކުގެ ސަބަބުން މިޔަންމާގެ ސަރުކާރާ ސޫޗީއަށް ބައިނަލްއަޤްވާމީ ގިނަ ފާޑުކިއުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އަދި އދގެ މި ބައްދަލުވުމުގައި ބައިވެރިވަޑައިގަތުމަށް ސޫޗީ ފަސްޖެހިވަޑައިގަންނަވަނީ ވެސް މިސަބަބާ ހުރެ ކަމަށް މުރާސިލުން ދަނީ ބުނަމުންނެވެ. އެހެންނަމަވެސް ސޫޗީގެ ތަރުޖަމާނު ވިދާޅުވީ، އޭނާ އެއްވެސް ފަރާތަކާ ކުރިމަތިލާން ފަސްޖެހިވަޑައިނުގަންނަވާ ކަމަށެވެ.

ނޮބެލް ސުލްޙައިގެ އިނާމް ހާސިލްކުރައްވާފައިވާ ސޫޗީއާ ދެކޮޅަށް މިހާތަނަށް އެކަށިގެންވާ ވާހަކަތައް ދާއްކަވާ ފިޔަވަޅުތައް އަޅުއްވާފައި ނުވާތީ ބައިނަލްއަޤްވާމީ ގިނަ ފަރާތްތަކެއްގެ ނުރުހުން އޭނާއަށް ވަނީ އަމާޒުވެފައެވެ.