ޚަބަރު

މިއަހަރުގެ ފަނޑިޔާރުންގެ މަހާސިންތާ މިރޭ ފަށާނެ


މިއަހަރުގެ ފަނޑިޔާރުންގެ މަހާސިންތާ މިރެއިން ފެށިގެން މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ޝަރުޢީ ދާއިރާއިން ނިންމައިފިއެވެ.

ސުޕްރީމް ކޯޓާއި، ހައިކޯޓާއި، ސުޕީރިއަރ އަދި މެޖިސްޓްރޭޓްކޯޓްތަކުގެ ފަނޑިޔާރުން ބައިވެރިވާ މި މަހާސިންތާގެ ތެރެއިން މައިގަނޑު 2 ޙަރަކާތެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މަޢުލޫމާތުދެއެވެ. އެގޮތުން މާދަމާއިން ފެށިގެން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޖުވެނައިލް ޖަސްޓިސް ނިޒާމާ ގުޅޭގޮތުން ކުރިއަށްގެންދާ މަހާސިންތާއެކެވެ. މިމަހާސިންތާގެ ތެރޭގައި ރާއްޖޭގެ ޖުވެނައިލް ޖަސްޓިސް ނިޒާމު ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް، ނިންމުންތަކެއް ނިންމުމަށްވަނީ ހަމަޖެހިފައެވެ. މިމަހާސިންތާގައި ބޭރުގެ ތަޖުރިބާކާރުންނާއި، މިދާއިރާއާ ގުޅުންހުރި ޕްރޮފެސަރުން ތަޤްރީރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިމަހުގެ 17 ވަނަ ދުވަހާއި 18 ވަނަ ދުވަހު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މަތީ މަރުހަލާގެ ކޯޓްތަކާއި ދަށުކޯޓްތަކުގެ ފަނޑިޔާރުންނާއި، މެޖިސްޓްރޭޓުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕަކީ ޖިނާއީ އިޖްރާޢަތުގެ ޤާނޫނާ ގުޅޭގޮތުން މަޝްވަރާކޮށް، އަލަށް ޢަމަލުކުރަންފެށި އިޖްރާޢަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ބަދަލުކުރުމުގެ ގޮތުން ކުރިއަށްގެންދާ ވޯކްޝޮޕެއްކަމަށް ޖުޑީޝަރީން މަޢުލޫމާތުދެއެވެ.

މި ވޯކްޝޮޕްގައި ޖިނާޢީ ޢަދުލުގެ ނިޒާމާ ގުޅުންހުރި ދަޢުލަތުގެ އެހެނިހެން އިދާރާތަކުންވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ ފަނޑިޔާރުންގެ މަހާސިންތާ މިރޭ ފެށުމަށް ހަމަޖެހިފައިވާއިރު، މިދިޔަ އަހަރުވެސް ވަނީ މިފަދަ މަހާސިންތާއެއް ބާއްވައި، ޝަރުޢީ ދާއިރާގެ ލަނޑުދަޑިތައް ޙާޞިލްވި މިންވަރާއި، ކުރިއަށް އޮތްތަނުގައި ޢަމަލުކުރާގެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ.