ޚަބަރު

ސާފު ރާއްޖެ ތްރީ އާރް މުބާރާތުގެ ވަނަތައް ހޮވައިފި


ތްރީ އާރް ދުވަހައި ގުޅުވައިގެން ސްކޫލްތަކަށްބޭއްވި "ސާފު ރާއްޖެ ތްރީ އާރް ކޮމްޕެޓިޝަން"ގައި ސްކޫލްތަކުން އުފެއްދި ތަކެތިން ވަނަވަނައަށް އައި ސްކޫލްތައް ހޮވައިފިއެވެ.

ރިޑިއުސް، ރީސައިކަލް، ރީޔޫސް މުބާރާތަކީ އުކާލާ ތަކެތިން އަލުން ތަކެތި ހަދައި ބޭނުންކުރުމަށް ދަރިވަރުން އަހުލުވެރިކުރުމަށް ހިންގި މުބާރާތެކެވެ.

2015ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭޝިއާ ޕެސިފިކް ތްރިއާރް ފޯރަމުންވަނީ، ކޮންމެ އަހަރެއްގެ އޮކްޓޯބަރ މަހުގެ 16 ވަނަ ދުވަހަކީ "ޤައުމީ ތްރީ އާރް" ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ނިންމާފައެވެ. އެގޮތުން ސަރުކާރުން އަންނަނީ ކުނި މެނޭޖުކުރުމުގައި މުޖުތަމަޢު ހޭލުންތެރިކުރުމަށް ގިނަ މަސައްކަތް ކުރަމުންނެވެ.

މިއަހަރު މިދުވަހާއި ގުޅިގެން ރޭވުނު ކަންތައްތަކުގެތެރެއިން އެންމެ މުހިންމު އެއް ކަމަކީ، އުކާލެވޭ ކުނިން އަލުން ތަކެތި އުފައްދައި ބޭނުންކުރުމަށް ސްކޫލްތައް އަހުލުވެރިކުރުވުމަށް ބޭއްވި، ސާފު ރާއްޖެ ތްރީ އާރް މުބާރާތެވެ. އެންވަޔަރަމެންޓް މިނިސްޓަރ ތާރިޤް އިބްރާހިމް ވިދާޅުވީ ސްކޫލްތަކަށް އަމާޒުކޮށްގެން މިފަދަ ޕްރޮގްރާމެއް ހިންގުމުގެ އެންމެ ބޮޑު ބޭނުމަކީ ކުދިންނަށް މިކަމާއި ގުޅިގެން ދަސްވި ކަންކަން އެހެންމީހުންނަށް ފޯރުކޮށްދީ ރަނގަޅުގޮތުގައި ކުނި މެނޭޖުކުރުމުގެ އާދަ ކުދިންގެ ގައިގައި އަށަގެންނެވުންކަމަށެވެ. އަދި ކުނި މެނޭޖުކުރުމުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދީ މައި މަސައްކަތްތައް ކަމަށްވާ ފަތުރުވެރިކަމާއި، މަސްވެރިކަމަށް ލިބޭނެ ފައިދާތައް އަންގައިދިނުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކުނި މެނޭޖުކުރުމުގެ ކަންކަމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލީ އާމިރް ވިދާޅުވީ، އުކާލެވޭ ތަކެތި ބޭނުންކޮށްގެން ދަރިވަރުން އުފެއްދި ތަކެއްޗަކީ އާއްމު ދިރިއުޅުމުގައި ބޭނުންކުރެވޭނެ ތަކެއްޗައް ހެދުމަށް މުބާރާތުގައި އިސްކަން ދިންކަމަށެވެ.

މުޅި ރާއްޖޭއަށް ހުޅުވާލައިގެން ބޭއްވި މުބާރާތުގައި 10 ސްކޫލަކުން ބައިވެރިވެފައިވެއެވެ. މުބާރާތުގައި ޕްރައިމަރީ އަދި ސެކަންޑަރީ ކެޓަގަރީން އެއްވަނައަށް ހޮވުނީ މުލަކު ސްކޫލެވެ. ދެވަނައަށް ހޮވުނީ ކުނަހަންދޫ ސްކޫލް، އަދި ތިންވަނައަށް ހޮވުނީ ދަރުމަވަންންތަ ސްކޫލެވެ. ނާސަރީ އަދި ޕްރީ ސްކޫލް ބައިން އެއްވަނައަށް ހޮވުނީ، ދިގުރަށް ސްކޫލެވެ.

މުޅި މުބާރާތުގެ ގްރޭންޑް ޕްރައިޒް ލިބިފައިވަނީ މުލަކު ސްކޫލަށެވެ. މުބާރާތުގައި ބައިވެރިކޮށްފައިވާ ތަކެތީގެ ތެރޭގައި، ވަށިގަނޑާ، ހޭންގިންގ ގާޑަންއާއި، ބޭނުންކޮށްފައިވާ ކަރުދާހުން އަލުން ކަރުދާސް އުފެއްދުމާއި، ގޭތެރެ ރީތުކުރުމަށް ބަހައްޓާ ތަކެއްތި ހިމެނެއެވެ. 

ރާއްޖޭ ތްރީއާރް ދުވަސް ފާހަގަކުރާ މިއީ ދެވަނައަހަރެވެ. އަންނަ އަހަރުވެސް މިފަދަ އިތުރު ޕްރޮގްރާމްތައް ހިންގާނެކަމަށް އެންވާރަމެންޓް މިނިސްޓްރީން މަޢުލޫމާތުދެއެވެ.