ތަޢުލީމީ ރޮނގުން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް މަގު ތަނަވަސްކޮއްދިނުމުގެ ގޮތުން ކްލިކް ކޮލްޖުން ފައުންޑޭޝަން ލެވެލްގެ ޕްރޮގްރާމްތަކެއް އިއުލާންކޮށްފިއެވެ. މި ޕްރޮގްރާމްތައް އިފްތިތާހު ކުރީ ކްލިކް ކޮލެޖްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ފަހަރު އިއުލާންކުރި ކޯސްތަކުގެ ތެރޭގައި ހިމެނެނީ ސެޓްފިކެޓް ލެވެލް 3 އަދި 4 ގެ ކޯސްތަކެވެ. ކޯސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި އާރލީ ޗައިލްޑްހޫޑް އެޑިއުކޭޝަން، އެޑިޔުކޭޝަން މެނޭޖްމަންޓް، ބިޒަނަސް މެނޭޖްމަންޓް، ބޭންކިން އެންޑް ފައިނޭންސް، މާރކެޓިން، ހިޔުމަށް ރިސޯސް މެނޭޖްމެންޓް، ޓްރެވަލް އެންޑް ޓުއަރިޒަމް ފަދަ ދާއިރާތައް ހިމެނެއެވެ. މީގެ އިތުރުން މުޅިން އަލަށް ތަޢާރަފް ކުރާ ސޯޝަލް ސާރވިސް ދާއިރާގެ ކޯހެއްވެސް ހިމެނެއެވެ.
މި ޕްރޮގްރާމް ތަކަކީ ސާނަވީ ތައުލީމު ނިންމާ ދަރިވަރުންގެ ތެރެއިން އެދެވޭ ނަތީޖާއެއް ނުލިބުމުގެ ސަބަބުން ޔުނިވަރސިޓީ ތައުލީމުގެ ތެރެއަށް ވަނުމުގެ ޝަރުތު ހަމަނުވާ ދަރިވަރުންނަށް ޑިގްރީ ހާސިލްކުރުމަށް އަޅައިދެވޭ ބިންގަލެއްކަމަށް ކްލިކް ކޮލެޖުން ބުނެއެވެ.
15 ހަފްތާގެ ސެޓްފިކެޓް ލެވެލް 3 ގެ ޕްރޮގްރާމު ތަކުން މަތީ ތައުލީމުގެ މަރުހަލާތައް ފަށައިގަތުމަށް ބޭނުންވާ ހުނަރާއި ތައުލީމީ ޤާބިލްކަން ދަރިވަރުންނަށް ލިބޭނެކަމަށާއި، އަދި 30 ހަފްތާއިން ނިމޭ، ސެޓްފިކެޓް ލެވެލް 4 ފުރިހަމަކުރާ ދަރިވަރުންނަށް މި ދާއިރާތަކުން ކުރިއަށް ދެވޭނޭ ޑިޕްލޮމާ އާއި ޑިގްރީ ފެންވަރުގެ ޕްރޮގްރާމުތަށް ކައިރި މުސްތަޤުބަލެއްގައި ތަޢާރަފްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ކްލިކް ކޮލެޖުން ބުނެއެވެ.
ޕްރޮގްރާމުތަށް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ކްލިކް ކޮލެޖް ގެ ނައިބު ރައީސް ހުސައިން އަބްދުﷲ ސައީދު ވިދާޅުވީ ކްލިކް ކޮލެޖުން މިއަދާ ހަމައަށް ބޭރު ޤައުމުތަކުގެ ޔުނިވާރސިޓީތަކާ ގުޅިގެން ކޯސްތައް ހިންގި ނަމަވެސް މިއަދު އެ ކޮލެޖުން އަމިއްލަ ކޯސްތައް ފަރުމާކޮށް ހިންގުމުގެ ޤާބިލްކަން ލިބިފައިވާކަމަށެވެ.
ސެޓްފިކެޓް ލެވެލްގެ މި ކޯސްތަކަށް ވަނުމުގެ ފުރުޞަތު މި މަހުގެ 24 ހަމައަށް ހުޅުވާފައިވާކަމަށް ކުލިކް ކޮލެޖުން މައުލޫމާތުދެއެވެ.