ވިޔަފާރި

އިތުރު އެއަރލައިންތަކެއްގެ ދަތުރުތައް ރާއްޖެއަށް ފަށަނީ


މިއަހަރުގެ ތެރޭގައި އިތުރު އެއަރލައިންތަކެއްގެ ދަތުރުތައް ރާއްޖެއަށް ފަށާނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލުން ބުނެފިއެވެ.

އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ، އަންނަ މަހުގެ ތެރޭގައި އެއަރ ފްރާންސްގެ ދަތުރުތައް ރާއްޖެއަށް ފަށާނެކަމަށެވެ.

އަދި ހަމަ އަންނަމަހުގެ ތެރޭގައި، މުމްބާއީއާއި ރާއްޖެއާ ދެމެދު ގޯއެއަރގެ ދަތުރުތައް ފަށާނެކަމަށާ، މި ސީޒަންތެރޭގައި އިޓަލީގެ އެއާލައިނެއްކަމަށްވާ އެލިޓާލިއާގެ ދަތުރުތައްވެސް ފަށާނެކަމަށް އާދިލް ވިދާޅުވިއެވެ. އަދި އަންނަ ޖެނުއަރީމަހު ޗައިނާގެ ލަކީ އެއަރގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާއިރު، ސިންގަޕޫރްގެ ސިލްކް އެއަރގެ ދަތުރުތައް އިތުރުކުރުމަށް އެ އެއެއަރލައިނާއެކު މަޝްވަރާކުރަމުންދާކަމަށް އާދިލް ވިދާޅުވިއެވެ. އަދި އެމިރޭޓްސްގެ ފްލައިޓްތައް އޮޕްރޭޓްކުރާ މިންވަރު އިތުރުކުރުމަށްވެސް މަސައްކަތްކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ބަހްރައިންގެ ގަލްފް އެއަރގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް އެ އެއަރލައިންއާއިއެކު މަޝްވަރާ ކުރާކަމަށާ ޢާދިލް ވިދާޅުވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އާ ރަންވޭއާއެކު، ދަތުރުތައް އެތައް ގުނައަކަށް އިތުރުވެގެންދާނެކަމަށާއި، އެއަރޕޯޓްގެ ދަތުރުތައް އިތުރުވެގެން ދިއުމަކީ ރާއްޖޭގެ ފަތުރުވެރިކަން ފުޅާވެ އިޤްތިސާދަށް އޭގެ އެދެވޭ އަސަރުކުރާނެކަމެއްކަން ޢާދިލް ފާހަގަކުރެއްވިއެވެ.