މުލަކަތޮޅުގެ އެކި ރަށްރަށުގައި ޚިދުމަތް ދިނުމުގައި ރަށު ކައުންސިލްތަކުން ޢަމަލު ކުރާނެ ގޮތްތަށް ހިމެނޭ އެކްޝަން ޕްލޭނެއް މުލަކަތޮޅު މަހާސިންތާގައި ކަނޑައަޅައިފިއެވެ.
ސެޕްޓެމްބަރުމަހުގެ 9 އަކުން 11 އަށް ކުރިއަށްގެންދިޔަ މުލަކަތޮޅުގެ އަތޮޅު މަހާސިންތާއަކީ މުލަކަތޮޅު ކައުންސިލާއި ލޯކަލް ގަވަރމެންޓް އޮތޯރިޓީ ގުޅިގެން މުލަކައޮޅުގެ ކައުންސިލްތަކުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމުގެ މަޤުސަދުގައި ކުރިއަށްގެނދިޔަ މަހާސިންތާއެކެވެ. މަހާސިންތާގެ ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އަމްޖަދު މުސްތަފާ އާއި ސިވިލް ސަރވިސްގެ މެމްބަރު ޒަކަރިއްޔާ ހުސެއިންއެވެ.
މާހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އަމްޖަދު މުސްތަފާ ވިދާޅުވީ މުލަކަތޮޅަކީ ގިނަ ފުރުސަތުތައް ހުރި އަތޮޅެއްކަމަށެވެ.
މުލަކަތޮޅުގެ ހުރިހާރަށެއްގެ ކައުންސިލްތަކާއި ރަށް ރަށުގެ ކުރިއެރުމަށް މަސައްކަތްކުރާ ޖަމިއްޔާ ޖަމާޢަތްތަށް ހިމެނޭ ގޮތަށް ކުރިއަށްގެންދިޔަ މި މަހާސިންތާގައި ވަނީ މައިގަނޑު ދެކަމެއް ނިންމާފައެވެ. އެއީ ކައުންސިލްތަކުންދޭ ޚިދުމަތްތައް އެއްގޮތް ކުރުމާއި ބެހޭގޮތުން ނިންމި ނިންމުންތަކާއި ކައުންސިލްތަކުންދޭ ޚިދުމަތްތައް ހަރުދަނާ ކުރުމަށް އަތޮޅު ކައުންސިލުން ގެންގުޅޭނެ ސިޔާސަތު އެކުލަވާލުމެވެ. އަދި މިކަންތައް ތަންފީޒުކުރާނެ ގޮތުގެ އެކްޝަންޕްލޭނެއްވެސްވަނީ މި މަހާސިންތާގައި އެކުލަވާލާފައެވެ. މަހާސިންތާގައި ބައިވެރިވި ކައުންސިލްތަކާއި ޖަމްޢިއްޔާތަކުން ދެކޭގޮތުގައި މިމަހާސިންތާގެ ސަބަބުން މުލަކަތޮޅުގެ ތަރައްޤީއަށް ހުރި ފުރުސަތުތައް އެނގި އެންމެން ގުޅިގެން މަސައްކަތްކުރާނެ ގޮތްތައް އެނގިގެންގޮސްފައިވާކަމަށެވެ.
ސިލްސިލާކޮށް ކޮންމެ އަހަރަކުވެސް މިފަދަ މަހާސިންތާއެއް ބޭއްވުމަށް މި މަހާސިންތާގައި ނިންމަފައިވާއިރު 2018 ވަނަ އަހަރުގެ މަހާސިންތާ ބޭއްވުމަށް ނިންމާފައިވަނީ މުލަކަތޮޅު ކޮޅުފުށީގައެވެ.