ވިޔަފާރި

ކޯނޯ ދަ މާސްޓާ އޮފް ސީޒަނިންގައި ދިވެހި ޝެފަކު ބައިވެރިވަނީ


މިމަހުގެ 17 ވަނަ ދުވަހު ދުބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ "ކޯނޯ ދަ މާސްޓާ އޮފް ސީޒަނިން" މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހި ޝެފަކަށް ލިބިއްޖެއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ލިބުނީ ބަނޑޮސް މޯލްޑިވްސްގައި މަސައްކަތްކުރާ ޝެފެއް ކަމަށްވާ އަޙްމަދު ފަތީންއަށެވެ.

މި މުބާރަތުގައި މެދުއިރުމަތީގެ ނުވަ ޤައުމަކުން، ކެއްކުމުގެ ދާއިރާގައި މަސައްކަތްކުރާ ޕްރޮފެޝަނަލް ޝެފުން ބައިވެރިވާނެއެވެ. މިއީ މާސްޓަރ އޮފް ސީޒަނިން ބާއްވާ ފުރަތަމަ ފަހަރެވެ.

މި މުބާރާތުގައި ވާދަކުރާ ދިވެހި ޝެފް ފަތީން ބުނީ މި މުބާރާތުގައި ރަނގަޅު ކާމިޔާބީއެއް ލިބޭނެކަމަށް ވަރަށް ބޮޑަށް އުންމީދުކުރާކަމަށާއި، އެއްވެސް ވަރަކަށް މުބާރާތާއިމެދު ޖެހިލުން ނުވާކަމަށެވެ. ފަތީންވަނީ ބައިނަލްއަޤްވާމީ ކެއްކުމުގެ މުބާރާތްތަކުގައި ބައިވެރިވެ މީގެ ކުރިންވެސް މެޑަލްތަކެއް ހޯދާފައެވެ. އޭގެތެރޭގައި ހޮޓެލް އޭޝިޔާގެ ވަނަތަކާއި، ހޮންކޮންގައި ބޭއްވި އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުން ރިހި މެޑަލް ހިމެނެއެވެ.

ދުބާއީގައި ބާއްވާ މި މުބާރާތް ކުރިއަށްދާނީ 7 ދުވަހުގެ މާސްޓަރ ކުލާހަކާއި، މިސްޓްރީ ބޮކްސް ޗެލެންޖަކާއެކުގައެވެ.

ޔުނިލިވަރ ފުޑް ސޮލިއުޝަން އާއި ބެސްޓްބައި މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ފަތީންއަށް ލިބުނީ ރާއްޖޭގެ އިތުރު 9 ޝެފަކާއި ވާދަކޮށްގެންނެވެ. މި މުބާރާތުގައި ކާބޯތަކެތި ތައްޔާރުކުރަން ޖެހެނީ ބެސްޓް ބައި މޯލްޑިވްސް އިން ރާއްޖެ އެތެރެކޮށް ވިއްކާ ކޯނޯ ޕްރޮޑަކްޓްސް ބޭނުންކޮށްގެންނެވެ.