ކުޅިވަރު

މާޒިޔާއާއި ގްރީން ސްޓްރީޓްގެ މެޗު ކުރިއަކަށް ނުގެންދެވުނު


އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މާޒިޔާއާއި ގްރީން ސްޓްރީޓްސް ވާދަކުރި ކުރިއަށް ނުގެންދެވިގެން ހުއްޓާލައިފިއެވެ. 

މާޒިޔާއާއި ގްރީން ސްޓްރީޓްސް ވާދަކުރި މެޗު ހުއްޓާލީ މެޗުގެ ފަ51 ވަނަ މިނެޓުގައި ރެފްރީ ނިއުޝާދު މުޙައްމަދު ގްރީން ސްޓްރީޓްސްގެ ސުބޮލް އިލިއާއަށް ދެއްކި ރީނދޫ ކާޑާއި ހިސާބުންނެވެ. އޭރު އުމެއިރު ޖަހައިދިން ލަނޑާއިއެކު އެކެއް ސުމަކުން ކުރީގައި އޮތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއެވެ. މެޗުގެ ފުރަތަމަ ހާފުގައި ރެފްރީކަންކުރީ އާދަމް ފަޒީލްއެވެ. ފުރަތަމަ ހާފް ނިންމާލުމަށްފަހު ރެފްރީސް ރޫމަށް ދިޔަ ވަގުތު ފަޒީލް ކައްސާލައިގެން ވެއްޓި އޭނާއަށް ލިބުނު އަނިޔާއެއްގެ ސަބަބުން ދެވަނަ ހާފު ފެށިއިރު ކަށިގަނޑާއިއެކު މެޗަށް އިންސާފުކުރަން ނިކުތީ ފުރަތަމަ ހާފުގައި ރޮނގުބެލެހެއްޓި ނިއުޝާދު މުޙައްމަދެވެ.

 މެޗު ހުއްޓާލަން ޖެހުނީ ރެފްރީ ނިއުޝާދާއި ދިމާއަށް ގްރީން ސްޓްރީޓްސްގެ ސުބޮލް އިލިއާ ބުނި އެއްޗަކަށް ރެފްރީ ރީނދޫ ކާޑު ދެއްކުމުން ގްރީންގެ ބެންޗުންނާއި ބައެއް ކުޅުންތެރިން އެ ނިންމުމަށް ހިތްހަމަ ނުޖެހުން ފާޅުކުރުމުގެ ސަބަބުންނެވެ. އިލިއާއަށް ފުރަތަމަ ހާފުގައިވެސްވަނީ ރީނދޫ ކާޑެއް ދައްކާފައެވެ. ނަމަވެސް އިލިއާއަށް ރަތްކާޑް ދެއްކުމުގެ ކުރިން ގްރީންގެ ކެޕްޓަން މުޙައްމަދު ޝައްފާޒް ވަނީ ރެފްރީ ފަހަތުން ގޮސް ދަނޑުން ބޭރުން ރެފްރީން ތިބޭ މޭޒާއި ހަމައަށް ރެފްރީ ގެންގޮސްފައެވެ. 

img:http://s3.psmnews.mv/images/660x400/15051978333481.JPG|މެޗު މެދުކަނޑާލުމުން ބައެއް އޮފިޝަލުން މަޑުކޮށްލައިގެން: ފޮޓޯ-ޕީއެސްއެމް

ގާތް ގަނޑަކަށް ބައިގަޑިއިރަށް މެޗު ކުރިއަށް ނުގެންގޮސް މަޑުކުރުމަށްފަހު މެޗު ކޮމިޝަނަރުވަނީ މެޗު ކުރިއަށް ނުގެންދަން ނިންމާފައެވެ. މި ނިންމުން ނިންމީ ދެ ޓީމްގެ މެނޭޖަރުންނާއި، އެފްއޭއެމްގެ މުބާރާތްތަކާއި ބެހޭ ޑިޕާޓްމެންޓްގެ ހެޑާއި މަޝްވަރާ ކުރުމަށްފަހުއެވެ. އަދި މި މެޗާއިމެދު ގޮތެއް ނިންމާނީ ޓޯނަމަންޓް ކޮމިޓީއާއި ޑިސިޕްލިނަރީ ކޮމިޓީންކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ