ސިއްހަތު

ގައިންގަޔަށް ނާރާ ބަލިތައް މަދު ކުރުމުގެ ޤައުމީ ކެމްޕޭން ފަށައިފި


ހެލްތް މިނިސްޓްރީއާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގުޅިގެން، ގައިންގަޔަށް ނާރާ ބަލިތައް މަދު ކުރުމުގެ ޤައުމީ ކެމްޕޭން "ފަންސަވީހަށް ފަންސަވީސް" މިއަދު އިފްތިތާހުކޮށްފިއެވެ.

މި ކެމްޕޭން އިފްތިތާހްކޮށްދެއްވީ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމްއާއި، ޑަބްލިޔު.އެޗް.އޯގެ ދެކުނު އިރުމަތީ އޭޝިޔާގެ ރީޖަނަލް ޑިރެކްޓަރ ޑރ.ޕޫނަމް ކެތްރިޕާލް ސިންގްއެވެ.

ޕްރެޑައިޒް އައިލޭންޑް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ކެމްޕޭން އިފްތިތާހް ކޮށްދެއްވުމަށްފަހު ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވަނީ ދިވެހި ރައްޔިތުން ދުންފަތުން ދުރުކުރުމަށް ޑަބްލިއުއެޗްއޯއިން ދެއްވާ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑަބްލިޔުއެޗްއޯ ދެކުނު އިރުމަތީ އޭޝިޔާގެ ރީޖަނަލް ޑިރެކްޓަރ ޑރ.ޕޫނަމް ކެތްރިޕާލް ސިންގްވަނީ ސިއްހީދާއިރާގައި ރާއްޖެ ހޯދަމުންދާ ކުރިއެރުންތައް ފާހަގަކުރައްވާ، އެހެން ޤައުމުތަކުން ރާއްޖެ ނަމޫނާއަކަށް ބަލަންޖެހޭކަން ފާހަގަކުރައްވާފައެވެ.

ރާއްޖޭގައި މަރުވާ މީހުންގެ 81 އިންސައްތައަކީ ގައިންގަޔަށް ނާރާ ބަލަތަކުގައި މަރުވާމީހުންކަން ތަފާސް ހިސާބުތަކުން ދައްކައެވެ. މިއަދު އިފްތިތާހް ކުރި "25 އަށް 25" ކެމްޕޭނުގައި ދައުލަތުގެ އެންމެހާ މުއައްސަސާތަކާ މަދަނީ އެކި ޖަމްޢިއްޔާ ޖަމާއަތްތަކާ ގުޅިގެން ގައިންގަޔަށް ނާރާ ބަލިތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، މިހާރު ކުރެވެމުންދާ މަސައްކަތް ހަރުދަނާކުރަން ހަމަޖެހިފައިވެއެވެ.

"25 އަށް 25"ގެ ނަމުގައި އިފުތިތާހު ކުރި ކެމްޕޭނަކީ ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތުގެ ނަތީޖާ ހާސިލުކުރުމަށް މަގުފަހިވާ، އަދި ގައިން ގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކޮށް މަދުކުރުމުގެ ޤައުމީ މަސައްކަތަށް އިތުރު ވެގެންދާ ދިޔަ ބޮޅެކެވެ.