ކުޅިވަރު

ނާސިރު އުފަލުން، ޝަކުވާއަކީ ރެފްރީގެ ނިންމުންތައް


އެއް ގޯލްގެ ތަފާތުން ނިއު ކަހަލަ ވަރުގަދަ ޓީމެއް އަތުން ބަލިވުމަކީ މޮޅުވުންފަދަ ކަމެއްކަމަށް މިލަންދޫ ޓީމްގެ ކޯޗް މުޙައްމަދު ނާސިރު ބުނެފިއެވެ. ކުރިން ނިއުއަށް ކުޅެ އެކްލަބާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ޑިފެންޑަރު ބުނީ މެޗަށް ނިކުތްއިރުވެސް ނިއުއަކީ ވަރުގަދަ އަދި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިންތިބި ޓީމްކަން އިނގޭކަމަށެވެ. 

ނިއުއާއި ދެކޮޅަށް މިލަންދޫ ޓީމްގެ ކުޅުންތެރިން ދެއްކި ކުޅުމަކީ މިލަންދޫ އަދި ހާއްސަކޮށް މުޅީ ށ.އަތޮޅުވެސް ފަޚުރުވެރިވާ ވަރުގެ ކުޅުމެއްކަމަށާއި، ޑިފެންސްކޮށްގެން ކުޅުނުކަމަށް ވީނަމަވެސް މިލަންދޫ ޓީމްގެ ކުޅުންތެރިން މެޗުގައި ދެއްކި ކުޅުމާއި މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭކަމަށް މިލަންދޫ ޓީމްގެ ކޯޗް މުޙައްމަދު ނާސިރު ފާހަގަކުރިއެވެ. ނިއު ކަހަލަ ވަރުގަދަ އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ޤައުމީ ކެޕްޓަން އަލީ އަޝްފާޤާ ދެކޮޅަށް ކުޅެވޭނީވެސް ޑިފެންސިވް ގޭމެއްކަމަށާއި، ނަމަވެސް މިލަންދޫން ކައުންޓަރ އެޓޭކްގައި އުފެއްދި ހަމަލާތަކުގައި ނިއުގެ ޑިފެންސް ލައިނަށް ބާރުބޮޑު ކުރެވުމަކީވެސް މިލަންދޫ ކަހަލަ ޓީމަކަށް ލިބުނު ކުރިއެރުމެއްކަމަށް މިލަންދޫ ޓީމްގެ ކޯޗް އަހުމަދު ނާސިރު ބުންޏެވެ. ނާސިރުގެ ކަންބޮޑުވުމަކީ ރެފްރީގެ ނިންމުންތަކެވެ. އަތޮޅުތެރޭގެ ޓީމްތައް ކުޅޭ މެޗުތަކުގައި ބޮޑަތި ޓީމްތައް ކޮޅަށް ރެފްރީގެ ނިންމުންތައް އަންނަކަން އޭނާ ފާހަގަކުރިއެވެ.

" ފުރަތަމަ ހާފްގައިވެސް އަހަރެމެންގެ ކުޅުންތެރިއަކު ކަނޑާލުމުން ރިލޭއަށް ދައްކަން ޖެހޭނީ ޑައިރެކްޓް ރެޑެއް، އެކަމަކު ރީނދޫ ކާޑަކުން ނިންމާލީ. އަހަރެމެންގެ ކުޅުންތެރިއަކު ޖެހިލާފިއްޔާ އެބަ ކާރޑްދައްކާ. ފާހަގަކުރެވޭ ބޮޑަތި ޓީމްތަކާ ދެކޮޅަށް އަތޮޅުތަކުގެ ޓީމްތައް ކުޅޭއިރު ރެފްރީގެ ނިންމުންތައް ބޮޓަި ޓީމްތައް ކޮޅަށް އަންނަކަން " ނާސިރު ކަންބޮޑުވުން ފާޅުކުރިއެވެ.

ނިއު ރޭޑިއަންޓް ސްޕޯރޓްސް ކުލަބްގެ ކޯޗް އޮސްކާ ބުރޫޒަން ބުނީ އެއް ގޯލްގެ ތަފާތުން މޮޅުވުމުންވެސް ހިތްހަމަޖެހޭކަމަށެވެ. ނިއު ފަދަ ވަރުގަދަ ޓީމެއް މިލަންދޫ އަތުން އެކެއް ސުމަކުން މޮޅުވުމުން، މީހުން ފާޑުކިޔާފާނެކަމަށާއި، ނަމަވެސް މެޗު ބެލި މީހުންނަށް އިތުރަށް ކިޔައިދޭނެ އެއްވެސް އެއްޗެއް ނޯންނާނެކަމަށް ނިއުގެ ކޯޗު ބުންޏެވެ. ނިއުއިން ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރިނަމަވެސް މިލަންދޫގެ ވަރުގަދަ ޑިފެންސްލައިނުން ވަނީ ނިއުގެ ގިނަ ހަމަލާތައް ހުއްޓުވާފަކަމަށާއި، އެހެންކަމުން ދެވަނަ ހާފްގައި ނިއު ނިކުތީ ތަފާތު ގޮތަކަށް ރާވައިގެން ކުޅެންކަމަށްވެސް ނިއުގެ ކޯޗް އޮސްކާ ބުރޫޒަން ބުންޏެވެ.

"މެޗުން މޮޅުވުމުން ވަރަށް ހިތްހަމަޖެހޭ. މިލަންދޫ ޓީމުން ކުޅުނީ ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން. ފުރަތަމަ ހާފްގައި ނިއުއިން ކުޅުނު ގޮތުން ގޯލް ޖެހުމަށް ގިނަ ހުރަސްތަކާއި ކުރިމަތިވި، ނަމަވެސް ދަވަނަ ހާފްގައި ވީހާވެސް އޯޕަންކޮށްލައިގެން ކުޅުމުން، ގިނަ ފުރުސަތުތަކެއް ތަނަވަސް ވެގެންދިޔަ ތަން ފެނިގެންދިޔަ. އަދިވެސް އަހަރެން ބޭނުންވާ ގޮތަށް ކުޅެން ދުވަސްކޮޅެއް ނަގާނެ، ނަމަވެސް މިހާރުވެސް ޓީމުން ދަނީ ވަރަށް ރަނގަޅަށް ކުޅެމުން." ނިއުގެ ކޯޗު ބުންޏެވެ.

މިމެޗުން މޮޅުވުމުން ލިބުނު 12 ޕޮއިންޓާއެކު ނިއު އޮތީ މިވަގުތު ތާވަލްގެ އެއްވަނާގައެވެ. މިލަނަދޫ އޮތީ ދެ ޕޮއިންޓާއެކު ތާވަލްގެ ހަވަނާގައެވެ.