ޚަބަރު

ވިލާތުގެ ބައެއް ޤައުމުތަކުން އެތެރެކުރާ ކުކުޅުބިސްތައް ނައްތާލަނީ


ޕެސްޓިސައިޑުގެ ބާވަތެއްކަމަށްވާ "ފިޕްރޯނިލް" ގެ އަސަރުހުރި ކުޅުބިސް އެކްޕޯޓުކޮށްފައިވާކަން ފާހަގަކުރެވިފައިވާ ވިލާތުގެ ބައެއް ޤައުމުތަކުން ރާއްޖެއަށް ކުކުޅު ބިސް އެތެރެކޮށްފައިވާކަން ފާހަގަކުރެވިފައިވާތީ ވަކި ބެޗެއްގެ ބިސް އިސްތިސްނާނުކޮށް އެފަދަ ޤައުމުތަކުން އެތެރެކުރާ ހުރިހާ ކުކުޅުބިހެއް ހިފަހައްޓައި ނައްތާލުމުގެ މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހާމަކޮށްފިއެވެ.

ވިލާތުގެ ޤައުމުތަކުގެތެރެއިން ނެދަލޭންޑް، ބެލްޖިއަމް، ޖަރުމަނު ވިލާތް، ފަރަންސޭސީ ވިލާތް، މިޤައުމުތަކުގެ ބައެއް ކުންފުނިތަކުން ބާޒާރަށް ނެރެފައިވާ ކުކުޅު ބިހުގައި "ފިޕްރޯނިލް" ޕެސްޓިސައިޑުގެ އަސަރު ހުރިކަމަށް ފާހަގަކުރެވިގެން އެކަން ބަލަމުންދާކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކުރިންވެސް ވަނީ ހާމަކޮށްފައެވެ.

އެއޮތޯރިޓީން ބުނީ ވިލާތުގެ ބައެއް ޤައުމުތަކުން ބާޒާރަށް ނެރެފައިވާ ކުކުޅު ބިހުގެތެރެއިން "ފިޕްރޯނިލް" ޕެސްޓިސައިޑުގެ އަސަރު ހުރި ބިސްތައް ފެނިފައިވާ ކަމަށްބުނާ ކުންފުނިތަކުގެ ބިސް ރާއްޖެއަށް އެތެރެވެފައިވާކަން މިހާރު ހާމަވެފައިވާކަމަށެވެ. އެގޮތުން ވިލާތުގެ ޢިއްތިޙާދުގެ ކާބޯތަކެއްޗާގުޅޭ މަޢުލޫމާތުތައް އަވަހަށް ފޯރުކޮށްދިނުމަށްޓަކައި އެކުލަވާލާފައިވާ ނިޒާމު "ރަސަފް" އިންވަނީ ތަޣައްޔަރުވެފައިވާ ބިސް ރާއްޖެއަށް އެތެރެވެފައިވާކަން އަންގާފައިކަމަށްވެސް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެއެވެ. އަދި "ފިޕްރޯނިލް"އިން ތަޢައްޔަރުވެފައިވާ ބިސް ރާއްޖެއަށް އެތެރެވެފައިވާތީ އާއި އެފަދަ ބިސް އިތުރަށް އެތެރެވުމުގެ ފުރުޞަތު އޮތުމާއިއެކު އެފަދަ ޤައުމުތަކުން ކުކުޅު ބިހާއި ކުކުޅުބިސް އެކުލެވިގެންވާ ބާވަތްތައް އެތެރެ ނުކުރުމަށްވެސް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިލްތިމާސްކުރެއެވެ.

"ފިޕްރޯނިލް"އަކީ ބުޅާ، ކުއްތާ ފަދަ ޖަނަވާރުތަކުގައި އަޅާ އުކުނުފަދަ ސޫފިތައް ނައްތާލުމަށް ބޭނުންކުރާ ކެމިކަލެކެވެ. މިކެމިކަލުން އިންސާނުންނަށް ނޭދެވޭ އަސަރުކުރެއެވެ. މިއީ އިންސާނުން ކެއުމަށް ބޭނުންކުރާ ޖަނަވާރާއި އެފަދަ ތަކެތި ގެންގުޅޭ ތަންތަނުގައި ބޭނުންކުރުން މަނާ ކެމިކަލެކެވެ.