ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ސަރަހައްދީ ކޮމިޓީގެ 70 ވަނަ ބައްދަލުވުން ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
މިމަހުގެ ހަޔަކުން ދިހައެއްގެ ނިޔަލަށް ޕެރަޑައިސް އައިލެންޑް ރިސޯޓްގަ ކުރިއަށް ދިޔަ މި ބައްދަލުވުމުގައި މި ސަރަޙައްދުގެ އެގާރަ ޤައުމަކުން ބައިވެރިވިއެވެ. ބައްދަލުވުމުގައި ވަނީ ސިއްހީ ދާއިރާއިން ގިނަ ކަންކަން މަޝްވަރާކޮށް މުހިއްމު ނިންމުންތައް ނިންމާފައެވެ. މިއަހަރުގެ މި ބައްދަލުވުމުގައި ސިއްޙީ ދާއިރާއިން ހޯދާފައިވާ ކާމިޔާބީތަކާއިބެހޭ ގޮތުން މަޝްވަރާކޮށް، މިދާއިރާއިން އިތުރަށް ރަނގަޅު ކުރަން ހުރި ކަންތައްތަކާއި ގުޅޭގޮތުން ގޮތްތަކެއް ނިންމިއެވެ. އެގޮތުން މި ބައްދަލުވުމުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ކުރިއަށް އޮތް ދެއަހަރު ދުވަހުގެ ޞަރަހައްދީ ބަޖެޓް ކަނޑައެޅުމާމެދު މަޝްވަރާކޮށްފައިވެއެވެ.
ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ސަރަހައްދީ ކޮމިޓީގެ 70 ވަނަ ބައްދަލުވުމުގައި އިތުރަށް މަޝްވަރާކުރި ކަންތަކުގެ ތެރޭގައި ދެހާސް ތިރީސް ވަނަ އަހަރު އަންނަންވާއިރު މި ސަރަހައްދުގެ ޤައުމުތަކުން ޓީބީ އަދި ހެޕެޓައިޓިސް ނައްތާލުމާއި، ބަލި ފަތުރާ ސޫފާސޫފި ކޮންޓްރޯލްކުރުމާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުންނާއި، އެންޓި މައިކްރޯބިއަލް ރެސިސްޓެންޓް އަދި ފަސޭހައިން ޞިއްޙީ ފަރުވާ ބޭނުންވާ ބޭސް ލިބޭނެ ނިޒާމެއް ޤާއިމްކުރުން ހިމެނެއެވެ. އަދި ދެމެހެއްޓެނެވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ އެއް އަމާޒުކަމުގައިވާ ޔުނިވަރސަލް ހެލްތް ކަވަރޭޖް މެމްބަރު ޤައުމުތަކުގައި ކުރިއަށްދާ މިންވަރު ދެނެގަތުމާއި، އާންމު ސިއްޙަތާއި ގުޅުންހުރި މަސައްކަތްތަކާއި އިންސާނީ ވަސީލަތްތައް އިތުރަށް ހަރުދަނާކުރުމާމެދުވެސް މެމްބަރު ޤައުމުތަކުގެ މެދުގައި މަޝްވަރާކޮށްފައިވެއެވެ.
ބައްދަލުވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމަން ޑަބްލިއު.އެޗް.އޯގެ ރީޖަނަލް ޑިރެކްޓަރ ޑރ. ޕޫނަމް ކެތްރަޕާލް ސިންގް ވިދާޅުވީ ރާއްޖޭގައި ބޭއްވި މަބައްދަލުވުން ވަރަށް ކާމިޔާބުކަމަށެވެ. ޕޫނަމް ވިދާޅުވީ މި ބައްދަލުވުން ކުރިއަށް ދިޔައިރު، ހުރިހާ ބައިވެރިންވެސް ޚިޔާލު ފާޅުކޮށް ސިއްޙީ ދާއިރާއާއި ގުޅޭ ބިނާ ކުރުވަނިވި މަޝްވަރާތައް ކުރިއަށް ދިޔަކަމަށެވެ. ޚާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކާއިއެކު ސިއްޙީދާއިރާއަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމާއިބެހޭ ގޮތުން މަޝްވަރާ ކުރިކަން އެނާ ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ބައްދަލުވުން އަންނަ އަހަރު އޮންނާނީ އަންނަ އަހަރުގެ ސެޕްޓެމްބަރުމަހު ނިއުދިއްލީގައެވެ.