ވިޔަފާރި

މަހުގެ ބާވަތްތައް ބޭރުކޮށްގެން ލިބުނު އާމްދަނީ ރެކޯޑް އަދަދަކަށް!


ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތް ކުރަމުންނެވެ.

މަސްވެރިކަމުގެ ދާއިރާގެ ކުރިއެރުމަށް ސަރުކާރުން ކުރަމުންދާ މި މަސައްކަތްތަކާއިއެކު، މަހުގެ ބާވަތްތައް ބޭރުކޮށްގެން ލިބުނު އާމްދަނީ މިއަހަރުގެ ޖޫންމަހު ވަނީ ރެކޯޑް އަދަދަކަށް އިތުރުވެފައެވެ. 

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކުގެ މައްޗަށް ބިނާކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އާއްމުކޮށްފައިވާ ހުސްވި އޮގަސްޓްމަހުގެ އިޤްތިޞާދީ މުރާޖައާ ރިޕޯޓްގައި ބުނެފައިވަނީ، މިއަހަރުގެ ޖޫންމަހު، މަހުގެ ބާވަތްތައް ބޭރުކޮށްގެން އާމްދަނީގެ ގޮތުގައި 10.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާކަމަށެވެ. މަސް އެކްސްޕޯޓްކުރި މިންވަރުވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 5.8 ހާސް މެޓްރިކްޓަން އިތުރުވެފައެވެ.

މަހުގެ ބާވަތްތައް ބޭރުކޮށްގެން ލިބުނު އާމްދަނީ އިތުރުވެފައިވަނީ، ގަނޑުކުރި ކަޅުބިލަމަސް ބޭރުކުރި މިންވަރު އިތުރުވުމުންނެވެ.

މަރުކަޒީ ބޭންކްގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް ރާއްޖެއިން ބޭރުކުރި މަހުގެ އަދަދު އުޅެނީ 40438.7 ޓަނުގައެވެ. މިދިޔަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް ރާއްޖެއިން ބޭރުކުރި މަހުގެ އަދަދު އުޅެނީ 23727 މެޓްރިކްޓަނުގައެވެ.

މަސްވެރިކަމުގެ ސިނާއަތް ތަރައްޤީކޮށް އެސިނާއަތުން ލިބޭ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގެ މަހަށް ބައިނަލްއަޤްވާމީ އެކިއެކި މާކެޓްތަކުން ފުރުޞަތުތައް ހޯދައިދިނުން ފާހަގަކޮށްލެވެއެވެ.

ހަމައެކަނި އޭޝިއާގެ މާކެޓްތަކަށް ރާއްޖޭގެ މަސް އެކްސްޕޯޓްކުރުމުގެ ބަދަލުގައި ސަރުކާރުން ގެންދަވަނީ އެމެރިކާ، އެފްރިކާ، އަދި ޔޫރަޕްގެ އިތުރުން ޗައިނާގެ މާކެޓަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން އެފްރިކާ، ޗައިނާ އަދި އެމެރިކާގެ މާކެޓަށް ރާއްޖޭގެ މަހުގެ ބާވަތްތައް އެކްސްޕޯޓްކުރުމަށް ކުރި މަސައްކަތުން އެދެވޭފަދަ ނަތީޖާތަކެއް ހާސިލްވެފައިވާކަން ފާހަގަކޮށްލެވެއެވެ.