ޚަބަރު

ކަނޑު ދަތުރުފަތުރު ކުރުމުގައި ސަމާލު ވުމަށް އިލްތިމާސް ކޮށްފި


ކުރިއަށް އޮތް ސައުވީސް ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މޫސުމާބެހޭ އިދާރާއިން އިލްތިމާސް ކޮށްފިއެވެ.

މޫސުމާބެހޭ އިދާރާއިން ލަފާކުރާގޮތުގައި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެއެވެ. އަދި މިހާރު ކުރަމުންދާ ވިއްސާރައިގައި، ލ. އަތޮޅާއި ސ އަތޮޅާ ދެމެދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް ލަފާކުރެއްވޭތީ، އެސަރަޙައްދަށް މޫސުމާބެހޭ އިދާރާއިން ވަނީ ވައިޓް އެލާޓްވެސް ނެރެފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ރާއްޖޭގެ ބޮޑުބަޔަކަށް ބޯކޮށް ވާރޭވެހި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް ލަފާކުރެއްވޭ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. އެހެންކަމުން މޫސުމަށް އެންމެހާ ފަރާތްތަކުން ސަމާލުވުމަށް މޫސުމާބެހޭ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.