ދުނިޔެ

ހަމަލާ ބަދަލުކުރުން ވަގުތީގޮތުން ހުއްޓާލުމަށް އާސާއިން ނިންމައިފި


ރޮހިންޔާ މުސްލިމުންގެ ހައްޤުގައި މިޔަންމާގެ އަސްކަރިއްޔާއާ ކުރިމަތިލަމުންދާ ރޮހިންޔާ ދަރިކޮޅުގެ ޖަމާޢަތް ކަމަށްވާ އާސާއިން، ރަކާންގައި ހާލުގައި ޖެހިފައި ތިބި ފަރާތްތަކަށް އިންސާނީ އެހީ ފޯރުކޮށް ދިނުމަށް އެހީދޭ ޖަމާޢަތްތަކުން ކުރާ މަސައްކަތްތަކަށް މަގުފަހިކުރުމަށްޓަކައި، ހަމަލާތައް ދިނުން ހުއްޓާލާނެކަން އިޢުލާނުކޮށްފިއެވެ.

މިޔަންމާގެ ރަކާން ސްޓޭޓްގައި ހިނގަމުންދާ ހަމަނުޖެހުންތަކުން ސަލާމަތްވުމަށް އެ ޤައުމު ދޫކޮށް އަވަށްޓެރި ބަންގްލަދޭޝަށް ހިޖުރަކޮށްފައިވާ މީހުންގެ އަދަދު ތިން ސަތޭކަ ހާހާ ގާތްކުރާކަމަށް އދން މަޢުލޫމާތުދެއެވެ.

މިދިޔަ އޯގަސްޓް މަހުގެ 25 ވަނަ ދުވަހުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާއިން އިސްނަގައިގެން ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ އޮޕަރޭޝަންގައި ދަނީ އަންހެނުންނާއި ކުޑަކުދިން އަދި މުސްކުޅިންނަށް ވެސް ބެލުމެއް ނެތި، އަނިޔާވެރި ގޮތް ގޮތަށް މީހުން މަރަމުންނެވެ.

މީގެ އިތުރުން ރޮހިންޔާ މުސްލިމުންގެ ގެތަށް އަންދާ މުދާތައް ފޭރަމުންދާ ކަމުގެ ރިޕޯޓްތައް ވެސް ވަނީ ލިބިފައެވެ.

މިފަދަ ދަނޑިވަޅެއްގައި، އާސާއިން މިވަނީ ރަކާން ސްޓޭޓްގައި ހާލުގައި ޖެހިފައި ތިބި ފަރާތްތަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކަށް މަގުފަހިކޮށްދިނުމަށްޓަކައި، ހަމަލާ ބަދަލުކުރުން ހުއްޓާލާނެކަން އިޢުލާނުކޮށްފައެވެ.

މިކަން އިޢުލާނުކޮށް ނެރުނު ބަޔާނެއްގައި އެޖަމާޢަތުން ބުނެފައިވަނީ، ކުރިއަށް އެއް މަސްދުވަހަށް ހަމަލާތައް ހުއްޓާލާނެ ކަމަށާއި، ރަކާން ސްޓޭޓްގައި މިހާރު ކުރިމަތިވެފައިވާ އިންސާނީ އެހީގެ ކާރިޡާގައި ހާލުގައި ޖެހިފައިވާ ހުރިހާ ފަރާތަކަށް އެހީ ފޯރުކޮށްދިނުމަށް އިންސާނީ އެހީދޭ ޖަމާޢަތްތަތަކަށް އެޖަމާޢަތުން ހިތްވަރުދޭ ކަމަށެވެ. އަދި މިކަމުގައި ވަކި ނަސްލެއް އަދި ދީނެއްގެ ބަޔަކާމެދު ތަފާތު ނުކުރުމަށްވެސް އާސާއިން ވަނީ ގޮވާލާފައެވެ.

އާސާއިން އެސަރަހައްދުގައި ހަމަލާތައް ދިނުން ހުއްޓާލިކަން އިއުލާންކުރި ނަމަވެސް، އިންސާނީ އެހީ ދިނުމުގެ މަސައްކަތް އަލުން ފެށޭނެ ކަމާމެދު އަދިވެސް އެތަށް ސުވާލެއް ވަނީ އުފެދިފައެވެ.

މި ގޮތުން، ވޭތުވެދިޔަ 15 ދުވަހުގެ ތެރޭގައި މިޔަންމާގެ އަސްކަރިއްޔާއިން ހިންގާފައިވާ އެކި ޖަރީމާތަކުގެ ދިފާޢުގައި އާސާއިން ހަމަލާތަކެއް ދީފައި ނުވާއިރު، އާސާގެ ބަޔާނުގައި އެޖަމާޢަތުން ވަނީ، ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާއިން ހިންގަމުން އަންނަ އޮޕަރޭޝަންގައި ހަތިޔާރުތައް ބަހައްޓައި، އިންސާނީ އެހީގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ފުރުސަތު ދިނުމަށް ގޮވާލާފައެވެ.

މީގެ އެތަށް ސަތޭކަ އަހަރެއް ކުރިއްސުރެން މިޔަންމާގައި ދިރިއުޅެމުންދާ ރޮހިންޔާ މުސްލިމުންނަކީ އިންސާނީ ހައްޤުތައް ނިގުޅައިގަތުމާއި، ލާއިންސާނީ ޢަމަލުތަކުގެ ޝިކާރައަކަށްވެފައިވާ އާބާދީއެކެވެ.

1970އިގެ އަހަރުތަކަށް ފަހުން މިޔަންމާގައި ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގާފައިވާ އެކި އެކި ޖަރިމާތަކުން ސަލާމަތްވުމަށް އެއް މިލިއަނާ ގާތްކުރާ ޢަދަދެއްގެ މީހުން ވަނީ މިޔަންމާ ދޫކޮށް އެހެން ގައުމުތަކަށް ހިޖުރަކޮށްފައެވެ.