ޚަބަރު

އެމް.ޑީ.ޕީގެ ކޮންގްރެސް ފަސްކޮށްފި


އަންނަ ހުކުރުދުވަހު ބޭއްވުމަށް ހަމަޖައްސާފައި އޮތް އެމް.ޑީ.ޕީގެ ކޮންގްރެސް ފަސްކުރުމަށް އެ ޕާޓީގެ ޤައުމީ މަޖިލީހުން ނިންމައިފިއެވެ.

ރޭ ކުރިއަށްގެންދިޔަ އެމް.ޑީ.ޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި މިގޮތަށް ފާސްކޮށްފައިވަނީ ކޮންގްރެސް ބޭއްވުމަށް ހަމަޖައްސަންޖެހޭ މާލީ ކަންކަން ހަމަޖެހިފައިނުވާތީއެވެ. އެޕާޓީގެ ޤައުމީ މަޖިލީހުން ނިންމާފައިވަނީ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާގެ ތެރެއިން އެޕާޓީއަށް ލިބެންޖެހޭ ފައިސާ ޖަމާވަންދެން އެޕާޓީގެ ކޮންގްރެސް ބޭއްވުން ފަސްކުރުމަށެވެ.

ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމް.ޑީ.ޕީގެ ކޮންގްރެސްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން އެއްހާހަށްވުރެ ގިނަ މަންދޫބުން ބައިވެރިވާނެކަމަށާއި، ކޮންގްރެސްގެ ޚަރަދަށް ދޭއް ޕޮއިންޓު އަށެއް މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ލަފާކުރެވޭކަމަށް އެމް.ޑީ.ޕީގެ ޗެއަރޕާރސަން ޙަސަން ލަތީފް ވިދާޅުވިއެވެ.

އެމް.ޑީ.ޕީގެ ކޮންގްރެސް ސެޕްޓެމްބަރ 15 ވަނަ ދުވަހު ބޭއްވުމަށް ކުރިން އެޕާޓީގެ ޤައުމީ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ކޮންގްރެސް ބޭއްވުން ފަސްކޮށްފައި ވަނީ ވަކި މުއްދަތެއް ކަނޑައެޅުމާނުލައެވެ.

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާގެ ތެރެއިން މެމްބަރުންގެ ޢަދަދަށް ބަލައި، އެމް.ޑީ.ޕީއަށް ހަތެއް ޕޮއިންޓު ފަހެއް މިލިއަށް ރުފިޔާ ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައެވެ. އިދިކޮޅު މައި ޕާޓީ، އެމް.ޑީ.ޕީގައި އޮނަތިރީސް ހާސް ތިންސަތޭކަ ފަންސާސް މެމްބަރުން ހިމެނޭއިރު، ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީކަމަށްވާ، ވެރިކަންކުރާ ޕީޕީއެމްގައި ތިރީސްނުވަހާސް ފަސްސަތޭކަ ދެ މެމްބަރުން ރަޖިސްޓްރީކޮށްފައިވެއެވެ.