ޚަބަރު

ރޮހިންޔާ މުސްލިމުންނާމެދު ކަންބޮޑުވޭ- އެމެރިކާ


މިޔަންމާގެ ބައިމަދު ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް އެޤައުމުގެ ރާކައިން ސްޓޭޓްގައި ހިނގަމުންދާ ޖަރީމާތަކާ މެދު ކަންބޮޑުވާ ކަމަށާ އެސްޓޭޓްގައި ޙާލުގައި ޖެހިފައި ތިބި މީހުންނަށް އިންސާނީ އެހީ ފޯރުކޮށް ދިނުމަށް ހުރަސް ނޭޅުމަށް އެމެރިކާއިން މިޔަންމާ ސަރުކާރަށް ގޮވާލައިފިއެވެ.

އަނެއްކޮޅުން، މިޔަންމާގެ ލީޑަރު އަންގް ސަންގް ސޫޗީ ބުރާސްފަތި ދުވަހު ވިދާޅުވީ ރަކާން ސްޓޭޓްގައި ހިނގަމުންދާ ހަމަނުޖެހުންތަކުން އެގައުމުގެ ހުރިހާ ރައްޔިތުން ހިމާޔަތް ކުރުމަށް މިޔަންމާ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. މިޔަންމާގެ ރާކައިން ސްޓޭޓްގައި ހިނގަމުންދާ ހަމަނުޖެހުންތަކުން ސަލާމަތްވެ އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަކޮށްފައިވާ ރޮހިންޔާ މުސްލިމުންގެ ޢަދަދު ސަތޭކަ ފަސްދޮޅަސް ހަތަރުހާހަށް، އަރާފައިވާއިރު ދުވާލެއްގެ މައްޗަށް އަށާރަ ހާސް މީހުން މިޔަންމާއިން ބަންގްލަދޭޝަށް ހިޖުރަކުރަމުންދާ ކަމަށް އދ.އިން ބުނެއެވެ.

އޮގަސްޓް މަހުގެ 25 ވަނަ ދުވަހުން ފެށިގެން އެ ސްޓޭޓްގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިޔަންމާގެ އަސްކަރިއްޔާއާއި އެޤައުމުގެ ޢާއްމު ބައެއް ޖަމާޢަތްތަކުން ވަނީ އެ ސްޓޭޓްގައި އުޅެމުންދާ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޢަނިޔާތައް ހިންގާފައެވެ. މި ގޮތުން އަންހެނުންނާއި ކުޑަކުދިން ރަހުމުކުޑަ ގޮތްގޮތަށް މެރުމާއި ދިރިތިއްބާ މީހުން އަންދާލުމާ ރޮހިންޔާ މުސްލިމުންގެ ގެތައް އެންދުން ފަދަ ކަންކަން ކުރަމުންދާ ކަމުގެ ޚަބަރުތައް ދަނީ ފެތުރެމުންނެވެ.

މީގެ އިތުރަށް ރާކައިން ސްޓޭޓްގައި ޙާލުގައި ޖެހިފައި ތިބި މީހުންނަށް އިންސާނީ އެހީގެ ސާމާނު ފޯރުކޮށް ކޮށްދިނުމަށް ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ކުރަމުންދާ މަސައްކަތްތަކަށް މިޔަންމާގެ އަސްކަރިއްޔާއިން ހުރަސް އަޅަމުންދާ ކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.

މިދަނޑިވަޅުގައި އެމެރިކާއިން ވަނީ މިޔަންމާގެ ރާކައިން ސްޓޭޓްގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ޙާލުގައި ޖެހިފައި ތިބި މީހުންނަށް އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ހުރަސް ނޭޅުމަށް އެމެރިކާއިން ވަނީ މިޔަންމާގެ ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާފައެވެ. 

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމެރިކާގެ ޚާރިޖީ ވަޒީރު ވުޒާރާއިން ވިދާޅުވީ، މިޔަންމާގެ ވަކި ނަސްލަކާ ދެކޮޅަށް އެގަޢުމުގައި ހިންގަމުންދާކަމަށް ބުނާ ޖަރީމާތަކާ މެދު އެމެރިކާ ސަރުކާރުން ކަންބޮޑުވާ ކަމަށާ މިޔަންމާގެ ސަލާމަތީ ބާރުތަކާ ދެކޮޅަށް އޮގަސްޓް މަހުގެ 25 ވަނަ ދުވަހު ދިން ކަމަށް ބުނާ ހަމަލާ އެމެރިކާއިން ކުށްވެރިކުރާ ކަމަށެވެ. އެހެން ނަމަވެސް މިފަދަ ހަމަލާތައް ކުރިއަށް އޮތްތަނުގައި ވެސް ނުދެވޭނެ ފަދަ ހާލަތެއް އުފެއްދުމަށް އެމެރިކާއިން ގޮވާލާ ކަމަށް ވިދާޅުވިއެވެ.

މިޔަންމާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ބެހޭ ގޮތުން އޭޝިޔާ ނިއުސް އިންޓަރނޭޝަނަލްއާ ވާހަކަ ދައްކަވަމުން އެގައުމުގެ ލީޑަރު އަންގް ސަން ސޫޗީ ވިދާޅުވީ، މިޔަންމާގެ ސަރުކާރުން އެޤައުމުގެ ރައްޔިތުން ޙިމާޔަތް ކުރަން ޖެހޭ ކަމަށާ އަދި އެގައުމުގައި އުޅެމުންދާ ޤައުމުގެ ރައްޔިތުން ނޫން މީހުން ވެސް މިޔަންމާގެ ސަރުކާރަށް ހިމާޔަތް ކުރަން ޖެހޭ ކަމަށެވެ. މިޔަންމާގައި އެތައް ހާސް އަހަރެއް ވަންދެން އުޅެމުންދާ ރޮހިންޔާ މުސްލިމުންނަކީ އެޤައުމުގެ ރައްޔިތުން ކަމަށް މިޔަންމާގެ ޤާނޫނުތަކުން ޤަބޫލެއް ނުކުރެއެވެ.

ރޮހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް މިޔަންމާގައި ހިންގަމުންދާ ޖަރީމާތަކާ މެދު ސޫޗީ ވަކި ޙާއްސަ ފިޔަވަޅެއް އަޅުއްވާފައި ނުވާ އިރު މިކަމާ ބެހޭ ގޮތުން އޭނާ ވާހަކަ ދައްކަވާފައިވަނީ ޖުމުލަ ތިން ފަހަރެއްގެ މަތިންނެވެ. މި ތިން ފަހަރު ވެސް ސޫޗީގެ ވާހަކަތައް ހުންނެވީ މީގެ ކުރިން ނޮބެލް ސުލްޙައިގެ އިނާމް ހާސިލްކޮށްފައިވާ ފަރާތެއްގެ ބަސްމަގު ހުންނަވާނެ ގޮތަކަށް ނޫން ކަމަށް މުރާސިލުން ވަނީ ފާހަގަކޮށްފައެވެ.