ތަޢުލީމު

ކީ ސްޓޭޖް ހަތަރަކަށް އަމަލުކުރަން ފަށާނީ 2019 ވަނަ އަހަރު


އަންނަ ދިރާސީ އަހަރު ފެށޭއިރު ކީ ސްޓޭޖް ހަތަރަކަށް އަމަލުކުރަން ނުފަށާނެ ކަމަށާއި މި ސްޓޭޖަށް އަމަލު ކުރަން ފަށަނީ ދެހާސް ނަވާރަވަނަ އަހަރުކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ. 

ޤައުމީ އާ މަންހަޖުގެ ކީ ސްޓޭޖް ދޭއްގައި ހިމެނެނީ ގްރޭޑް ނުވައެއް އަދި ދިހައެއްގައި ކިޔަވަމުންދާ ދަރިވަރުންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހްމަދު ޝަފީއު  ވިދާޅުވީ، އެ މިނިސްޓްރީގެ ފަރާތުން މިވަގުތު ކުރިއަށްގެންދާ މަސައްކަތަކީ ޤައުމީ އާ މަންހަޖުގެ ކީ ސްޓޭޖް ހަތަރަކަށް ބޭނުންވާ މާއްދާތަކުގެ ފޮތްތައް ތައްޔާރު ކުރުމުގެ މަސައްކަތް ކަމަށެވެ. 

ޝަފީއު ވިދާޅުވީ ޤައުމީ އާ މަންހަޖުގެ ކީސްޓޭޖް ހަތަރެއްގެ ފޮތްތައް ތައްޔާރުކުރުމަށް ގާތްގަނޑަކަށް ހަތްދިހަ މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށެވެ. ދެހާސް ނަވާރަ ވަނަ އަހަރު ކީ ސްޓޭޖް ހަތަރަކަސް އަމަލުކުރަން ފަށަން ހަމަޖެހިފައިވާއިރު، އަންނަ އަހަރު މި ސްޓޭޖަށް ބޭނުންވާ ފޮތްތައް ނިންމާ ސްކޫލްތަކަށް ހަވާލުކުރަން ފަށާނެކަމަށް އެޑިއުކޭޝަނުން ބުނެއެވެ.

މީގެ އިތުރުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ އާ ކަރިކިއުލަމްއަށް އަމަލު ކުރަން ފަށާނީ ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް އެއްކޮށްކަމަށެވެ. ކީ ސްޓޭޖް ހަތަރަކަށް އަމަލުކުރަން ފެށިނަމަވެސް މި ކުދިންގެ އިމްތިހާންތަކަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. ވަކި މަރުހަލާއެއް ތަންފީޒް ކުރަންފަށާއިރު ޓީޗަރުންނަށް ތަމްރީން ޕްރޮގްރާމްތައް ހިންގާނެ ކަމަށާއި އެގޮތުން މި ސްޓޭޖަށް އަމަލު ކުރަން ފެށުމުގެ ކުރިންވެސް ޓީޗަރުންނަށް ތަމްރީން ޕްރޮގްރާމްތައް ހިންގާނެކަން އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރައްވައެެވެ.

އެޑިއުކޭޝަނުން އާ މަންހަޖް އެކުލަވާލުމުން، މިހާތަނަށް އެ މިނިސްޓްރީން މަންޖަހާ ގުޅޭގޮތުން ހާސިލްކުރަން ބޭނުންވާ މަޤްޞަދު ޙާސިލް ވަމުން އަންނަކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.