ޚަބަރު

ޑަބްލިޔުއެޗްއޯއިން ޙާއްސަ އެވޯޑެއް ރާއްޖެއަށް ދީފި


ސިއްޙީ ރޮގުން ރާއްޖެ ހޯދާފައިވާ ކުރިއެރުންތައް ފާހަގަކޮށް އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ޑަބްލިޔުއެޗްއޯއިން ޙާއްސަ އެވޯޑެއް ރާއްޖެއަށް ދީފިއެވެ.  

ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މިހާރު ކުރިއަށްދާ 70 ވަނަ ދެކުނު އިރުމަތީ އޭޝިއާގެ ސަރަހައްދީ ބައްދަލުވުމުގައި މިއެވޯޑާ ހަވާލުވެވަޑައިގެންނެވީ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމްއެވެ.

މިބައްދަލުވުމުގައި ވަނީ ދިވެހިރާއްޖެއަކީ ހިމަބިހި ނައްތާލާފައިވާ ޤައުމެއްގޮތުގައި ކަނޑައަޅާ، އެކަމުގެ އެވޯޑްވެސް ދީފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ސިއްޙީގޮތުން ދިމާވާ ނުރައްކާތަކަށް ތައްޔާރުވުމާ ގުޅޭ ޤަރާރު  "މާލޭ ޑިކްލަރޭޝަން އޮން ބިލްޑިން ހެލްތު ސިސްޓަމްސް ރެޒިލިއަންސް ޓު ކްލައިމެޓް ޗޭންޖް" ގައި ސަރަޙައްދީ ސިއްޙަތާއިބެހޭ ވަޒީރުން ސޮއިކުރެއްވިއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ސަރަހައްދީ ކޮމިޓީގެ 70 ވަނަ ބައްދަލުވުން ކުރިއަށް ދާނީ މިމަހުގެ ދިހައެއްގެ ނިޔަލަށް ޕެރަޑައިސް އައިލެންޑް ރިސޯޓްގައެވެ.