ޚަބަރު

62 އިންސައްތަ މައްސަލަ ކޯޓުން ބޭރުން ޙައްލުކޮށްފައިވޭ


ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޔުނިޓަށް ހުށައެޅުނު މައްސަލަތަކުގެ ތެރެއިން 62 އިންސައްތަ މައްސަލަ ޝަރީޢަތަކާ ނުލައި، ކޯޓުން ބޭރުގައި ޙައްލުކޮށްފައިވާކަން ޝަރުޢީ ދާއިރާއިން ހާމަކޮށްފިއެވެ.

ޝަރުޢީ ދާއިރާގެ 2016 ވަނަ އަހަރުގެ ޕާރފޯމަންސް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، ސިވިލް ކޯޓުގައި ޤާއިމުކޮށްފައިވާ ޑިސްޕިއުޓް ރިޒޮލިއުޝަން ޔުނިޓަށް ހުށައެޅުނު 1678 މައްސަލައިގެ ތެރެއިން 1040 މައްސަލަ ވަނީ ޝަރީއަތުގެ މަޖިލީހުން ބޭރުގައި ހައްލުކުރެވިފައެވެ. ސިވިލް ކޯޓްގައި ޤާއިމުކޮށްފައިވާ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަނަކީ، މަދަނީ މައްސަލަތަކުގެ ތެރެއިން ކޯޓުން ބޭރުގައި ހައްލުކުރެވިދާނެކަމަށް ބެލެވޭ މައްސަލަތައް ޤާޟީގެ ހާޟިރުގައި ސުލްޙަ ކުރުމުގެ ފުރުޞަތު ދިނުމަށްޓަކައި އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދުގެ އިސްނެންގެވުމުގެ މަތިން ޤާއިމުކުރި ޑިވިޜަނެކެވެ. 

މި ޑިވިޝަން ޤާއިމުކުރިތާ 3 އަހަރާ ގާތްވެފައިވާއިރު، އަހަރަކަށްވުރެ އަހަރަކު މި ޑިވިޜަން މެދުވެރިކޮށް ޝަރީޢަތާ ނުލައި ނިންމާ މައްސަލަތައް ދަނީ އިތުތުވަމުންނެވެ. އެގޮތުން 2015 ވަނަ އަހަރު އެ ޑިވިޜަން މެދުވެރިކޮށް ޙައްލުކުރި މައްސަލަތަކަށްވުރެ 2016 ވަނަ އަހަރު ޝަރީޢަތުން ބޭރުގައި ޙައްލުކުރި މަދަނީ މައްސަލަތަކުގެ ޢަދަދު 414 މައްސަލަ އިތުރެވެ.

ސިވިލް ކޯޓަށް ހުށައެޅޭ މައްސަލަތަކުގެ 60 އިންސައްތަ މައްސަލަ ފުރަތަމަ ބަލަނީ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަނުންނެވެ. މިމައްސަލަތަކުގެ ޝަރީޢަތްތައް ފަށާނީ، އެ ޑިވިޝަނުން މައްސަލަ ސުލްހަވެރިކަމާއެކު ހައްލު ނުވެއްޖެނަމައެވެ.

ރާއްޖޭގެ މަދަނީ ޢަދުލުގެ ނިޒާމުގެ ތެރޭގައި ޑިސްޕިއުޓް ރިޒޮލިއުޝަން މެކޭނިޒަމެއް ޤާއިމުކޮށް ކާމިޔާބުކަމާއެކު ހިނގަމުންދާއިރު، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރޭގައިވެސް ރެސްޓޮރޭޓިވް ޖަސްޓިސް ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ޝަރުޢީ ދާއިރާއިން ގެންދަނީ ކުރަމުންނެވެ.