ޚަބަރު

ޓީ ބިލް އަދި ޓީ ބޮންޑްގެ ނުދައްކާ އަދަދު އަންނަނީ ދަށްވަމުން


މިއަހަރުގެ ޖުލައިމަސް ނިމުނުއިރު، ސަރުކާރުގެ ކޭޝް ފްލޯ ހަމަޖެއްސުމަށް ދޫކޮށްފައިވާ ޓީ ބިލް އަދި ޓީ ބޮންޑްގެ ނުދައްކާ އަދަދު ދަށްވަމުން އަންނަކަމަށް މަރުކަޒީ ބޭންކުން ހާމަކޮށްފިއެވެ.

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އޮގަސްޓްމަހުގެ އިޤްތިޞާދީ ރިވިއު ރިޕޯޓްގައި ބުނެފައިވާގޮތުން، ޖުލައިމަސް ނިމުނުއިރު، ސަރުކާރުގެ ކޭޝް ފްލޯ ހަމަޖެއްސުމަށްޓަކައި ދޫކޮށްފައިވާ ޓީބިލް އަދި ޓީ ބޮންޑްގެ ނުދައްކާހުރި ޖުމްލަ އަދަދަކީ ބާވީސް ޕޮއިންޓް ތިނެއް ބިލިއަން ރުފިޔާއެވެ. 

މި ރިޕޯޓްގައިވާގޮތުން މަހުން މަހަށް އަޅާބަލާއިރު ސަރުކާރުން ދޫކޮށްފައިވާ ޓީބިލް އަދި ޓީ ބޮންޑްގެ ނުދައްކާ އަދަދު މިއަހަރުގެ ޖުލައިމަހު ވަނީ ހަސަތޭކަ އެކެއް ޕޮއިންޓް ހަތަރެއް މިލިއަން ރުފިޔާއަށް ދަށްވެފައެވެ. މިއީ ތިނެއް އިންސައްތައިގެ ދަށްވުމެކެވެ. މީގެ މައިގަނޑު ސަބަބަކީ މި މުއްދަތުގެ ތެރޭގައި ޓީބިލްގައި އިންވެސްޓްކޮށްފައިވާ އަދަދު ހަތަރެއް އިންސައްތަ ނުވަތަ ފަސްސަތޭކަ ތިރީސް ނުވައެއް ޕޮއިންޓް ފަހެއް މިލިއަން ރުފިޔާއަށް ދަށްވުމެވެ. 

ޓީބިލްގައި އިންވެސްޓްކުރި އަދަދު ދަށްވެފައިވަނީ ވިޔަފާރި ބޭންކްތަކުން ޓީބިލްގައި އިންވެސްޓްކޮށްފައިވާ އަދަދު ދަށްވުމުންނެވެ.

އެމްއެމްއޭގެ ރިޕޯޓްގައި ވާގޮތުން އަހަރުން އަހަރަށް ބަލާއިރު، ޖުންމަހު ސަރުކާރުން ދޫކޮށްފައިވާ ޓީބިލް އަދި ޓީ ބޮންޑްގެ، ނުދައްކާ އަދަދު ވަނީ އެކެއް ޕޮއިންޓް އެކެއް ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. 

ޓީ ބޮންޑްގެ ނުދައްކާ އަދަދު އިތުރުވެފައިވަނީ ވޭތުވެދިޔަ އަހަރުގެ ތެރޭގައި ސަރުކާރުން ދޫކޮށްފައިވާ ޓީބިލްތަކުން ބައެއް ޓީ ބޮންޑަށް ބަދަލުކުރުމާއި ގުޅިގެނެވެ.