ޚަބަރު

މާލޭ ޑިކްލަރޭޝަން އޮން ބިލްޑިން ހެލްތުގައި ސޮއި ކުރައްވައިފި


މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ސިއްޙީގޮތުން ދިމާވާ ނުރައްކާތަކަށް ތައްޔާރުވުމާ ގުޅޭ ޤަރާރު  "މާލޭ ޑިކްލަރޭޝަން އޮން ބިލްޑިން ހެލްތު ސިސްޓަމްސް ރެޒިލިއަންސް ޓު ކްލައިމެޓް ޗޭންޖް" ގައި ސަރަޙައްދީ ސިއްޙަތާއިބެހޭ ވަޒީރުން ސޮއިކޮށްފިއެވެ. 

މި ޤަރާރުގައި ސޮއިކޮށްފައިވަނީ، މިހާރު ރާއްޖޭގައި ކުރިއަށްދާ ޑަބްލިއުއެޗްއޯގެ 70 ވަނަ ސަރަޙައްދީ ބައްދަލުވުމުގައި ކުރިއަށްދިޔަ، ވަޒީރުންގެ ރައުންޑް ޓޭބަލް ބައްދަލުވުމުގައެވެ. 11 ޤައުމެއްގެ ސިއްޙަތާބެހޭ ވަޒީރުން މި ޤަރާރުގައި ސޮއިކުރައްވާފައިވެއެވެ. 

ޤަރާރުގައި ސޮއިކުރި ވަޒީރުންގެ ރައުންޑް ޓޭބަލް ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާފައިވަނީ ރާއްޖޭގެ ހެލްތް މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމެވެ. 

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިމާވާ ތަފާތު ބަލިތަކާއި އޭގެ  ސަބަބުން މަރުވާ މީހުންގެ ނިސްބަތް އިތުރުވާ ކަމާއި، ފަރުދުން ދިރިއުޅޭ މާހައުލަށް އަންނަ ބަދަލުތަކާއި ވަޔާއި ފެނުގެ ސަބަބުން އިތުރުވާ ބަލިތަކާބެހޭ ވާހަކަތައް މި ޤަރާރުގައި ވަނީ ބަޔާންކޮށްފައެވެ. 

img:http://s2.psmnews.mv/images/660x400/15047846751172.jpg|

އަދި މޫސުމާ ގުޅިގެން އުފެދޭ ބަލިމަޑުކަން ނައްތަލުމަށްޓަކައި ރަނގަޅު ސިއްޙީ ނިޒާމެއް ޤާއިމްކުރުމަށް ތަފާތު ގިނަ މަސައްކަތް ތަކެއް ކޮށްފައިވާއިރު، މިކަމާ ގުޅޭގޮތުން އަދިވެސް ގިނަ މަސައްކަތަށް ރޭވިގެން ކުރިއަށްދާކަމަށްވެސް މި ޤަރާރުގައި ފާހަގަކޮށްފައިވެއެވެ. 

އެންމެ މުހިއްމު ކަމެއްގެ ގޮތުގައި މި ޤަރާރުގައި ފާހަގަ ކޮށްފައިވަނީ  މޫސުމަށް އަންނަ ބަދަލުތަކާގުޅިގެން އުފެދޭ ބަލިތައް ނައްތާލުމާގުޅޭ ކަންކަމެވެ. 

މި ޤަރާރު އެކުލަވައިލުމަށްޓަކައި  މިދިޔަ މެއި މަހުގެ 14 އިން 15 އަށް ޑަބްލިޔު އެޗްޔޯއާ ސައުތް އޭސިޔާ ގެ ޤައުމުތަށް ގުޅިގެން ޚާއްސަ ބައްދަލުވުންތަކެއް ބާއްވާފައިވެއެވެ. މި ބައްދަލު ވުމުގައި މިޑިކްލެރޭޝަންގެ  ފްރޭމް ވޯކް އަދި އެކްޝަން ގެ މަސައްކަތަކާ ބެހޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ. މި ޑްރާފްޓް ގެ މަސއްކަތްތައް ކޮށްފައިވަނީ  ހައިލެވަލް ޕްރިޕަރޭޓަރީ (އެޗްޕީއެލް) ގެ ބޭފުޅުންގެ ބެއްލެވުމުގެ ދަށުންނެވެެ.