ކުޅިވަރު

މިއީ ޓީސީއަށް އުނދަގޫ ބްރޭކެއް - ނިޒާމް


ލީގުގެ ފުރަތަމަ ބުރުގެ މެދުތެރެއިން ލިބުނު ބްރޭކަކީ ޓީސީއަށް އުނދަގޫ ބްރޭކެއްކަމަށް ކޯޗު މުޙައްމަދު ނިޒާމް ބުނެފިއެވެ.  

އޭނާ ބުނީ މުޅި ސީޒަންގައި ކުޅުންތެރިން އެއްކޮށް ކުޅެމުން ދަނިކޮށް ބްރޭކެއް އައުމުން ކުޅުންތެރިންގެ ފޯމަށް އަސަރު ކުރާކަމަށެވެ. އަދި މިފަހަރުގެ ބްރޭކަށް އީދު ބަންދުތައް ވަނުމުން، ބޭނުންވާ ގޮތަށް ފަރިތަކުރުންތަށްވެސް ކުރިއަށް ނުގެންދެވުނުކަމަށް ނިޒާމް ބުންޏެވެ. ޓީސީ ސްޕޯރޓްސް ކުލަބުން ވަނީ އީދު ބަންދަށް ހަތަރު ދުވަހަށް ފަރިތަކުރުންތައް މެދުކަނޑާލާފައެވެ.  ކޮލިފައިން މެޗު ކުޅުމަށް ޤައުމީ ޓީމަށް ދޫކޮށްފައިވާ ކުޅުންތެރިންގެ ފޯމާ މެދުވެސް ކަންބޮޑުވާކަމަށް ނިޒާމް ބުންޏެވެ. އުދީރޫ ދިވެހި ޕްރިމިއަރ ލީގުގައި ޓީސީއަށް ބާކީއޮތް ތިން މެޗުން ނުވަ ޕޮއިންޓް ހޯދުން ވަރަށް މުހިންމުކަންވެސް ނިޒާމް ފާހަގަކުރިއެވެ. ނިޒާމް ބުނީ އުރީދޫ ދިވެހި ޕްރިމިއަރ ލީގު ހޯދަން ބޭނުންނަމަ ފުރަތަމަ ބުރު ނިމޭއިރު، ތާވަލްގެ އެއްވަނަ ނުވަތަ ދެވަނަ ހޯދުން މުހިއްމުކަމަށެވެ. 

"ޓީސީން ބޭނުމެއް ނޫން އެއްވެސް މެޗެއް ފަސޭހަކޮށްލާކަށް. ބާކީ އޮތް ތިން މެޗުން ނުވަ ޕޮއިންޓް ނަގައިގެން ތާވަލްގެ އެއްވަނައަށްވެސް އެރިދާނެ. މީގައި އެންމެ ފުރަތަމަ ކަމަކީ އެންމެ ފުރަތަމަ މެޗް. ކޮންމެ ޓީމަކަށްވެސް ބްރޭކަށްފަހު ނިކުމެ، ފުރަތަމަ މެޗް ވަރަށް އުނދަގޫވޭ. އެހެންވީމަ ފުރަތަމަ މެޗުން ތިން ޕޮއިންޓް ހޯދުން ވަރަށް މުހިންމު. އަދި ހާއްސަކޮށް އަތޮޅު ތެރޭގެ ޓީމްތަކަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ. އެހެންވީމަ ފުރަތަމަ މެޗުގައި މާޅޮހާއި ދެކޮޅަށް ނިކުންނާނީ ވަރަށް ބޮޑަށް ސަމާލުވެގެން. އަތޮޅު ތެރޭގެ ޓީމެއް ވިޔަސް ޓީސީން އެންމެ ތަންކޮޅެއްވެސް ދުލެއް ނުދޭނަން." ނިޒާމް ބުންޏެވެ.

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ޓީސީއަށް ބާކީ ތިން މެޗް އޮތް އިރު، ދެވަނަ މެޗުގައި އެޓީމް ނިކުންނާނީ މާޒިޔާއާ ދެކޮޅަށެވެ. ތިންވަނަ މެޗުގައި ނިނުންނާނީ ކުލަބް ގްރީން ސްޓްރީޓާ ދެކޮޅަށެވެ. ހަތް ޕޮއިންޓާއެކު ލީގުގައި ޓީސީ މިވަގުތު އޮތީ ތާވަލްގެ ހަތަރުވަނާގައެވެ. ތާވަލްގެ ތިންވަނާގައިވާ ގްރީން ސްޓްރީޓަށް ނުވަ ޕޮއިންޓް ލިބިފައިވެއެވެ.