ޚަބަރު

ރޮހިންޔާ މުސްލިމުންނަށް އެހީވާން ފަންޑެއް ހުޅުވައިފި


ރޮހިންޔާ މުސްލިމުންގެ ތެރެއިން ބަންގްލަދޭޝަށް ހިޖުރަކުރާ މުސްލިމުންނަށް އެހީ ފޮރުކޮށްދިނުމުގެ ގޮތުން ދިވެހި ރެޑްކްރެސެންޓުން ފަންޑެއް ހުޅުވައިފިއެވެ.

މިޔަންމާގެ ރަކާން ސްޓޭޓުން ބަންގްލަދޭޝަށް ހިޖުރަކުރާ މީހުންނަށް އެހީ ފޯރުކޮށްދިނުމަށް އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީ، "އައި.އެފް.އާރު.ސީން" ނެރެފައިވާ އިމަރޖެންސީ އެހީގެ އިލްތިމާސްއަށް އިޖާބަދީ، އެހީ އަށް ހުޅުވާލުމަށް ފަންޑެއް ޤާއިމުކުރަން ނިންމިކަން، ދިވެހި ރެޑް ކްރެސެންޓުން ހާމަކުރީ އެޖަމާއަތުން މިއަދު ނެރުނު ނޫސް ބަޔާނެއްގައެވެ. އެޖަމާއަތުން ބުނީ ފަންޑު ހުޅުވާފައިވަނީ މިއަދުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށްކަމަށެވެ.

މި ފަންޑުގެ މަގުސަދަކީ، މިޔަންމާގެ ރަކާން ސްޓޭޓްގައި ހިންގަމުންދާ ހަމަނުޖެހުންތަކުން ސަލާމަތްވުމަށްޓަކައި ރެފިއުޖީންގެ ގޮތުގައި ބަންގްލަރދޭޝް އަށް ޖަމާވާ އެތަށް ހާސް މުސްލިމުންނަށް ވީހާވެސް އަވަސްގޮތެއްގައި އިންސާނީ އެހީ ފޯރުކޮށްދިނުންކަމަށް ދިވެހި ރެޑްކްރެސެންޓުން ބުނެއެވެ.

މިފަންޑު މެދުވެރިކޮށް ލިބޭ އެހީ ބޭނުންކުރެވޭނީ، ރަކާން ސްޓޭޓްގެ މުސްލިމު ރެފިއުޖީންނަށް މަދަދު ދިނުމަށް ބަންގްލަދޭޝްގެ ރެޑްކްރެސެންޓް ޖަމާއަތުގެ ފަރާތުން ކުރަމުންދާ މަސައްކަތްތައްކަށް އެހީ ފޯރުކޮށްދިނުމަށްކަމަށާއި، މީގެ ތެރޭގައި، ކާބީތަކެތި ފޯރުކޮށްދިނުމާއި، ފެނާއި، ސެނިޓޭޝަން އަދި، ޢާންމު ސާފުތާހިރުކަން ރަނގަޅުކުރުމުގެ އިތުރުން، ސިއްޙީ އެހީއާއި، ހިޔާވަހިކަން ލިއްބައިދިނުމާއި، ޢާއިލީ ގުޅުން ބަދަހިކޮށް، ކާރިސީ ހިރާސް ކުޑަކުރުން ފަދަ ދާއިރާތަކަށް ކަމަށް ދިވެހިރެޑް ކްރެސެންޓުން މައުލޫމާތުދެއެވެ.

ފަހަކަށް އައިސް މިޔަންމާގެ ރަކާން ސްޓޭޓްގައި ހަމަނުޖެހުން އިތުރުވެ، އިންސާނީ ހާލަތު އިތުރަށް ނުރައްކާތެރިވުމުގެ ސަބަބުން އެތައް ބަޔަކު އެރަށް ދޫކޮށް، ބަންގްލަދޭޝަށް ހިޖަރަކުރަމުންދާކަމަށާއި، މިކަމުގެ ނަތީޖާއެއްގެ ގޮތުން ބަންގްލަދޭޝްގައި އެހީއަށް ބޭނުންވެ، ހާލުގައި ޖެހެމުންދާ މީހުންގެ އަދަދުވެސް އިތުރުވަމުން ދާތީ، މިޙާލަތައް ރިޢާޔަތްކޮށް، އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީ، "އައި.އެފް.އާރު.ސީން" އެޖަމާއަތުގެ އިމަޖެންސީ އެހީގެ އިލްތިމާސް މުރާޖާކޮށް މިދިޔަ އޮގަސްޓް މަހުގެ 14 އިން ފެށިގެން އެހީއަށް ހުޅުވާލާފައިވާކަން ދިވެހި ރެޑްކްރޮސެންޓްގެ ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ.

މިޔަންމާގައި ހިނގަމުންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން މުސްލިމުންނަށް ލިބެމުންދާ ގެއްލުންތަކަށް ދިވެހި ރެޑްކްރެސެންޓުންވެސް އިންތިހާއަށް ކަންބޮޑުވާކަމަށާއި، މިހާދިސާގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމުގައި ހުރިހާ ފަރާތްތަކުންވެސް ބައިވެރިވެ، ފައިސާގެ އެހީއެއް ދެއްވުމަށް ދިވެހި ރެޑްކްރެސެންޓުން ވަނީ އިލްތިމާސްކޮށްފައެވެ.  އެޖަމާއަތުން ބުނީ، ފައިސާ ޖަމާކުރުމަށް، ބޭންކް އޮފް މޯލްޑިވްސްއިން ނަމަ އެބޭންކްގައި މޯލްޑިވިއަން ރެޑްކްރެސެންޓްގެ ނަމުގައި ހުޅުވާފައިވާ 7701176022001 އެކައުންޓަށް ދިވެހި ފައިސާ ޖަމާކުރެވޭނެކަމަށެވެ.  އަދި އިސްލާމިކް ބޭންކްގައި މޯލްޑިވިއަން ރެޑްކްރެސެންޓްގެ ނަމުގައި ހުޅުވާފައިވާ، އެކައުންޓް ނަމްބަރ، 99010155500036100 މިމަހުގެ ވިހިވަނަ ދުވަހުގެ ނިޔަލަށް ފައިސާ ޖަމާކުރެވޭނެކަމަށެވެ.