ޚަބަރު

ސިއްޙި ދާއިރާގެ ބަޖެޓް 130 އިންސައްތަ އިތުރުވެއްޖެ


މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު ރާއްޖޭގެ ސިއްޙި ދާއިރާއަށް ސަރުކާރުގެ ބަޖެޓުން ކުރާ ޚަރަދު ސަތޭކަ ތިރީސް އިންސައްތަ އިތުރުވެފައިވާކަމަށް ހެލްތްމިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިޔާގެ 70 ވަނަ ސަރަހައްދީ ބައްދަލުވުމާ ބެހޭގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ ދެހާސް އަށާރަވަނަ އަހަރު ނިމޭއިރު މި ސަރަޙައްދު އަދި ދުނިޔޭގެ އާބާދީގެ ނިސްބަތުން އެންމެ ގިނަ އެމްއާރުއައި މެޝިން ހުންނަ ގައުމަކަށް ދިވެހިރާއްޖެ ވާނެކަމަށެވެ.

ޑަބްލިއުއެޗްއޯގެ ސަރަހައްދީ ބައްދަލުވުމަކީ މި ސަރަހައްދުގެ ޞިއްޙަތާ ބެހޭ ވަޒީރުންނާއި ޞިއްޙީދައިރާގެ ފަންނީ ބޭފުޅުން ހިމެނޭ ގޮތަށް މި ސަރަޙައްދުގެ ރައްޔިތުންގެ ޞިއްޙަތާއި ގުޅޭ މުހިއްމު ނިންމުންތައް ނިންމުމަށް އަހަރަކު އެއްފަހަރު ބާއްވާ ބައްދަލުވުމެކެވެ. ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިޔާގެ 70 ވަނަ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ހެލްތްމިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ސަރަހައްދީ ނިސްބަތުން ރާއްޖޭގައި ވަނީ  މައިންނާ ތުއްތުކުދިން މަރުވާ އަދަދު ވަރަށް ބޮޑުތަން ދަށްކޮފައިކަމަށާއި، މިނިސްބަތް ރަނގަޅު އަދަދަކަށް ހިފެހެއްޓިފައިވާކަމަށެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ ސަރުކާރުން ގެންދަވަނީ ސިއްޙިދާއިރާއަށް ވަރަށް ބޮޑަށް ޚަރަދު ކުރައްވަމުން ކަމަށާއި، މި ކަމުގެ ސަބަބަން ރައްޔިތުންނަށް ވަރަށް ގިނަ ގުނަ ފައިދާވާކަމަށެވެ.

ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން  މިނިސްޓަރ ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވުމުގެ ކުރިން ރާއްޖޭގައި އޮތީ އެންމެ ތިން ސީއެންބިއުލެންސް ކަމަށާއި އެހެންނަމަވެސް މިހާރު ރައްޖޭގައި ފަންސަވީސް ސީ އެންބިއުލޭންސްގެ ޚިދުމަތް ލިބޭކަމަށެވެ. އަދި ރާއްޖޭގެ ކޮންމެ ރަށެއްގައި ފާމަސީއެއް ޤާއިމްކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑަބްލިއުއެޗްއޯ ދެކުނު އިރުމަތީ އޭޝިޔާގެ ރީޖަނަލް ޑައިރެކްޓަރ ޑރ. ޕޫނަމް ކަތްރިޕާލް ވިދާޅުވީ ދިވެހިސަރުކާރުން ސިއްޙީދާއިރާ ކުރިއެރުވުމަށް ގިނަ ޚާރަދުތަކެއް ކުރިނަމަވެސް ދާއިރާއަށް ދިމާވާ ގޮންޖެހުންތައް އެބަހުރިކަމަށެވެ. އަދި ކޮންމެ ރަށެއްގައި ފާމަސީއެއް ގާއިމްކުރުމަކީ ސަރުކާރުން ސިއްޙިދާއިރާ ކުރިއެރުވުމަށް ކުރި ވަރަށް ބޮޑު މަސައްކަތެއްކަން ފާހަގަކުރައްވާ ސިއްޚީ ދާއިރާއިން ރާއްޖޭގައި ކޮއްފައިވާ މުހިއްމު މަސައްކަތަކަށް ތަޢުރީފްކުރެއްވިއެވެ.

މިމަހުގެ 10 ގެ ނިޔަލަށް ރާއްޖޭގައި ކުރިއަށްދާ މި ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު  ޑަބްލިޔު އެޗް އޯގެ ފޮޓޯ އެކްޒިބިޝަނެއް ވަނީ ހުޅުވާފައެވެ. މި އެކްޒެބިޝަންގައި ޑަބްލިއުއެޗްއޯއިން ފާއިތުވި އަހަރުތަކުގައި ހޯދާފައިވާ ކުރިއެރުންތައް ފެނިގެންދެއެވެ.

މީގެ އިތުރުން މިބައްދަލުވުމުގައި ބައިވެރިވާ ޤައުމުތަކުގެ ވަޒީރުންނާއި ވަފުދުތަކުންވަނީ ބައްދަލުވުން ބާއްވާ ޕެރެޑައިސް ރިސޯޓްގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. ގަސް އިންދުމުގެ ޕްރޮގްރާމްގައި ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް އާއި،ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިޔާގެ ރީޖަނަލް ޑައިރެކްޓަރ ޑރ. ޕޫނަމް ކަތްރިޕާލާއި ޤައުމުތަކުގެ ސިއްޚީ ދާއިރާ ތަމްސީލް ކުރައްވާ ބޭފުޅުން ބައިވެރިވެ ގަސް އިންދާފައިވެއެވެ.

ސެވެންޓިއަތު ސެޝަން އޮފް ދަ ޑަބްލިއުއެޗްއޯ ރީޖަނަލް ކޮމެޓީ ފޮރ ސައުތު އީސްޓް އޭޝިޔާގެ ނަމުގައި ރާއްޖޭގައި ކުރިއަށްދާ މިބައްދަލުވުން މިމަހުގެ 10 ނިޔަލަށް ކުރިއަށްދާނެއެވެ.