ޚަބަރު

މިދިޔަ އަހަރު ހުށަހެޅުނީ ޓޯޗަރކުރުމުގެ އެންމެ މައްސަލައެއް!


އެންޓި ޓޯޗަރ ޤާނޫނުގެ ދަށުން ހުށައެޅި 30 މައްސަލައިގެ ތެރެއިން، ޓޯޗަރގެ ޢަމަލެއް ހިންގާފައިވާކަން ފާހަގަކުރެވިފައިވަނީ އެންމެ މައްސަލައެއްގައިކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ހާމަކޮށްފިއެވެ.

މިމައްސަލަތަކުގެ ތެރެއިން 29 މައްސަލައެއް ބަލައި ނިންމާ، ޓޯޗަރގެ ޢަމަލެއް ހިންގާފައިވާކަން ފާހަގަ ކުރެވޭ މައްސަލަ، ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް އެޗް.އާރ.ސީ.އެމުން މައުލޫމާތުދެއެވެ.

މިމުއްދަތުގައި އެޗް.އާރ.ސީ.އެމްއަށް ހުށައެޅިފައިވާ ޓޯޗަރ ކުރުމުގެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ހައްޔަރު ކުރުމުގެ ތެރޭގައި ޓޯޗަރ ކުރިކަމަށްބުނެ ހުށައަޅާފައިވާ 5 މައްސަލައަކާއި، ބަންދުކޮށްފައިހުރި މަރުކަޒުގައި ޓޯޗަރ ކުރިކަމަށްބުނެ ހުށައަޅާފައިވާ 24 މައްސަލައަކާއި، ހާދިސާއެއް ކޮންޓްރޯލްކުރުމުގެ ތެރޭގައި ޓޯޗަރ ކުރިކަމަށްބުނެ ހުށައަޅާފައިވާ މައްސަލައެކެވެ. މީއީ ފުލުހުންނަށް ރައްދުވާގޮތަށް ހުށައެޅި 17 މައްސަލައަކާއި ކަރެކްޝަނަލް ސަރވިސްއަށް ރައްދުވާގޮތަށް ހުށައެޅި 13 މައްސަލައެކެވެ. މީގެ ތެރެއިން ޓޯޗަރގެ ޢަމަލެއް ފާހަގަކުރެވިފައިވަނީ އެންމެ މައްސަލައެއްގައިކަމުން، އަހަރުގެ ނިސްބަތަށްބަލާއިރު މި ޢަދަދަކީ ވަރަށް މަދު ޢަދަދެކެވެ.

2013 ވަނަ އަހަރު ފާސްކުރި އެންޓި ޓޯޗަރ ޤާނޫނަކީ ރާއްޖޭގައި ޓޯޗަރ ކުރުން މަނާކުރުމާއި، ރަޙުމްކުޑަ ލާއިންސާނީ، އިހާނެތި ޢަމަލު ހިންގުން މަނާކުރުމާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބުދިނުން ހުއްޓުވުމުގެ ސިޔާސަތުތަކާއި، އެކަމަށް އަދަބު ކަނޑައެޅުމުގެ ގޮތުން 2013 ވަނަ އަހަރު ފާސްކުރި ޤާނޫނެކެވެ.